ގައުކެނޑި ބްރިޖް ސަރަހައްދުގައި ކުރިން ބޭނުންކުރި ޗެކްޕޯސްޓް މަރާމާތު ކުރުމަށްފަހު ނުރަސްމީކޮށް އެތަން ހުޅުވައިފިއެވެ.
އައްޑޫ ސިޓީ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ ޕޮލިސް ޗެކްޕޯސްޓް ގެ މަސައްކަތް ނުރަސްމީކޮށް މިދިޔަ ހަފްތާގައި ފަށާފައިވާއިރު އެތަނުގެ މަސައްކަތް އެކީގައި ނިމި ވަރަށް އަވަހަށް ޗެކްޕޯސްޓް ރަސްމީކޮށް ހުޅުވާލާނެ ކަމަށެވެ.
އައްޑޫސިޓީ ކައުންސިލާއި އައްޑޫސިޓީ ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި ސޯލާއެނާޖީ ބޭނުންކޮށްގެން ޗެކްޕޯސްޓަށް ވަނީ ކަރަންޓްވެސް ދީފައެވެ. އަދި ޓްރެފިކް ފުލުހުން ދަނީ އެތަނުގައި ޓިއުޓީ އަދާކުރަން ފަށާފައެވެ.
“މި ޗެކްޕޯސްޓް މުހިއްމުވާ މައިގަނޑު 3 ސަބަބެއް އެބައޮތް. އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަށް ގުޅުވާލެވިފައިވާ ހަމައެކަނި މަގަކީ މިއީ ކަމަށް ވުމުން ޓްރެފިކްގެ ގަވާއިދާ ޚިލާފުވާ ފަރާތްތައް ރަނގަޅަށް މޮނިޓަރ ކޮށް ބެލެހެއްޓޭނެ. އެއާއެކު ލިންކް ރޯޑުގައި ދުއްވުމަށް ކަނޑައެޅޭ މިންގަނޑަށް ވުރެ ބާރަށް ދުއްވާފައި އަންނަ އުޅަނދުތަަކަށް ވެސް މަޖުބޫރުވާނެ ޗެކްޕޯސްޓާ ހަމައަށް އަންނަ އިރު ދުވެލިމަތަ ކުރުން. އެހެންވީމާ އެކަމަށް ދުއްވާ މީހުން ސަމާލުކަން ދޭނެ. ހަމަ މިއާއެކު އައްޑޫގައި ދައުރުވަމުންދާ މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމުގައި ބޭނުންކުރާ ހަަމައެކަނި މަގަކީ މިއީ. ފުލުހުން ޗެކްޕޯސްޓްގައި ތިބެގެން ޗެކް ކުރާނަމަ އެފަދަ ފަރާތްތަކަށް އެމަސައްކަތުގައި ދަތިތަކާ ކުރިމަތިވާނެ. އަދި މިފަދަ މަސައްކަތް ކުރާ ފަރާތްތައް ފަސޭހައި އަތުލައިގަނެވޭނެ” ޖަމްޝީދު ވިދާޅުވިއެވެ.
ގައުކެނޑި ސަރަހައްދުގައި ހުރި މި ޗެކްޕޯސްޓްގެ މަސައްކަތް މުޅިން ނިމޭއިރު އެތަނުގެ ސަރަހައްދު އިތުރަށް ބޮޑުކޮށް އަދި ބޯޑުތައް ބަހައްޓައި އެންމެ ފުރިހަމަ ގޮތުގައި ތަނުގެ ޚިދުމަތް ދެވޭނެ ކަމަށް ޖަމްޝީދު ވިދާޅުވިއެވެ.