English Edition
Dhivehi Edition
ދިވެހި ޒުވާނުންތަކެއް - ފޮޓޯ: ޔޫއެންޑީޕީ މޯލްޑިވްސް

މި އަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ވާޗުއަލް ކޭމްޕެއް ބާއްވަން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ކަމަށްވާ 22 އޮކްޓޯބަރ 2020 ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށްޓަކައި މިނިސްޓްރީއާއި އެހެނިހެން ފަރާތްތައް ގުޅިގެން ތަފާތު އެކި ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށެވެ.

އެގޮތުން “މޯލްޑިވްސް ޔޫތު ކޭމްޕް 2020″ ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ޒުވާނުންނަށް ހުޅުވާލެވިގެން ކޭމްޕެއް (ވާޗުއަލް) ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ކޭމްޕްގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ޒުވާނުން ބާރުވެރިކުރުމާއި، ޒުވާނުންނާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ޒުވާނުންގެ އިސްނެގުމާއި، ބައިވެރިވުން އިތުރުކުރުން ކަމުގައި ޔޫތު މިނިސްޓްރީން ހާމަކުރެއެވެ.

އެގޮތުން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޭމްޕްގެ ޝިޢާރަކީ ” ޔޫތު، ޕީސް އެންޑް ސެކިއުރިޓީ” އެވެ. އަދި އެ ކޭމްޕް ނިންމުމުގެ ގޮތުން “މޯލްޑިވްސް ޔޫތު ކޭމްޕް 2020” ގެ ޤަރާރެއް އެކުލަވައިލެވި އެ ޤަރާރު ސަރުކާރާއި ޙިއްސާކުރެވޭނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން އެ ކޭމްޕްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކުން ގޫގްލް ފޯމް ލިންކް: https://forms.gle/v4T1NRFr5nx6voFB9 މެދުވެރިކޮށް ބައިވެރިވުމުގެ ފުރުޞަތު 13 އޮކްޓޯބަރ 2020 ގެ 14:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ އިޢުލާނުގައި ބުނެފައި ވެއެވެ.