ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން ބާކީހުރި 47 ފްލެޓަށް 800 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
އެ ކައުންސިލުން ހާމަކުރި ގޮތުގައި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު މިމަހުގެ 10ވަނަ ދުވަހަށް ހަމަވިއިރު މިވަގުތު ކުރިއަށްދަނީ ފޯމުތަކުގެ މައުލޫމާތު ޔަގީން ކުރުމާއި ފޯމުތައް ކެޓަގަރައިޒް ކުރުމުގެ މަސައްކަތެވެ. މިފަހަރު ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލައިފައިވަނީ 2 ކެޓެގަރީއަކުންނެވެ، އެއީ ރަށުގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން ކެޓަގަރީ އޭ އިން 40 ފްލެޓް އަދި ރަށަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިގެން ކެޓަގަރީ ބީ އިން 7 ފްލެޓެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަލީ މަސީހް ހާމަކުރި ގޮތުގައި ފޯމުތައް ކެޓަގަރައިޒްކޮށް މަޢުލޫމާތު ޔަގީން ކުރުމުގެ ތެރެއިން ފްލެޓަށް އެދި ހުށައަޅައިފައިވާ އެއްވެސް ފަރާތެއްގެ ގޯއްޗެއް ރާއްޖޭގެ އެއްވެސް ތަނެއްގައި އޮތްތޯ ބެލޭނެއެވެ. އެގޮތުން މިގޮތަށް ބަލައި ޝަރުތު ހަމަވާ ފަރާތްތައް ޔަގީން ކުރުމަށްފަހު ފްލެޓް ދެވިގެން ދާނީ އެންމެ މަތިން ޕޮއިންޓް ހޯދާ ފަރާތްތަކަށް ކަމަށްވެސް މަސީހް ވަނީ ވިދާޅުވެފައެވެ. މަސީހް އިތުރަށް ވިދާޅުވެފައިވަނީ ފްލެޓަށް އެދި ހުށައަޅައިފައިވާ ފޯމުތަކުގެ އިދާރީ މަސައްކަތްތަށް ނިންމާ ފްލެޓުގެ ހައްގުވެރިންނަށް ފްލެޓު ދެވޭނެ ކަމަށް ލަފާކުރެވެނީ މިއަހަރުގެ ނިމުމުގެ ކުރިން ކަމަށެވެ.
ފުވައްމުލައް ސިޓީގައި ސަރުކާރުން 2 ސަރަހައްދެއް ކަމުގައިވާ ދިގުވާނޑު އަވަށް އަދި ދަޑިމަގު އަވަށުގައި ފްލެޓް އަޅައިފައިވާއިރު މިވަގުތު ގިނަ ބަޔަކު އަންނަނީ ފްލެޓު ތަކުގައި ދިރިއުޅެމުންނެވެ.