English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ
ލިޔުނީ : މުހައްމަދު ހިޒްޔަމް!
އައްޑޫ ޔޫތު ޗެލެންޖް (އޭވައިސީ) މިމަހުގެ 15ގައި ފެށޭނެ ކަމަށް އޭވައިސީއިން ބުނެފިއެވެ.
މިމަހުގެ 15ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ މަހުގެ 2ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 20 އަހަރުން ދަށުގެ 6 ޓީމް ވަނީ ބައިވެރިވެފައެވެ. އައްޑޫގެ ރަށްތަކަށް އަމާޒުކޮށްގެން ކުޅޭ މި މުބާރާތުގައި އައްޑޫ ސިޓީގެ 6 އަވަށަކުން ވަނީ ޓީމްތައް ބައިވެރިވެފައެވެ. އެއީ ސ.ފޭދޫގެ ފާހި އެފް.ސީއާއި ސ.މަރަދޫގެ މަރަދޫ އެފް.ސީ އާއި ސ.ހިތަދޫގެ ހިތަދޫ އެފް.ސީ އަދި ހިތަދޫ އެފް.ސީ ޖޫނިއާރސްއާއި ސ.މިދޫގެ މީދޫ ޔޫތު ޓީމާއި ސ.ހުޅުދޫގެ ހުޅުދޫ ޔޫތު އެފް.ސީއެވެ.
މި މުބާރާތުގައި ކުޅެން ހަމަޖެހިފައިވަނީ ލީގު އުސޫލަށެވެ. އެގޮތުން ކޮންމެ ޓީމެއް އަނެއް ޓީމާ ވާދަކުރެވޭނެހެން މުބާރާތް ރާވާފަރާތުން ވަނީ އިންތިޒާމު ހަމަޖައްސާފައެވެ. އޭވައިސީގެ ގުރުވަތުލުން މިމަހުގެ 10ވަނަ ދުވަހު ބާއްވާފައިވާއިރު، އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައިވަނީ ސ.ހުޅުދޫ ޔޫތު އެފް.ސީއާއި ސ.ހިތަދޫ އެފް.ސީ އެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ސ.މީދޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ. މެޗްގެ އޯޕެނިންގ ސެރެމޮނީ އެ ދުވަހު 15:50ގައި ފަށަން ހަމަޖައްސާފައިވާއިރު، މެޗްގެ ކިކް-އޮފް 16:00ގައި އޮންނާނެއެވެ.
މި މެޗް ބެލުމަށް ސަޕޯރޓަރުންނަށް ދަނޑަށް ވަދެވޭނެއެވެ. ނަމަވެސް އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތްވާގޮތުގެ މަތީން ޢަމަލުކުރުމަށް އޭވައިސީއިން އިލްތިމާސްކުރެއެވެ. އޭވައިސީއަކީ ޒުވާނުންގެ އިޖުތިމާޢީ ބައިވެރިވުން ހަރުދަނާކޮށް، ހުނަރުވެރި ޒުވާނުންނަށް ފަހި ފުރުޞަތު ހޯދައިދިނުމަށްޓަކައި ކުރިއަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ މީދޫގައެވެ.