English Edition
Dhivehi Edition
މަރަދޫ ޓޫރިޒަމް ޒޯން ލޭންޑްސްކޭޕް ކުރުމަށް އައިރިން އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާއި ބިން ހަވާލުކުރި ކަމުގެ ލިޔުން އަރުވަނީ - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ މަރަދޫގެ ޓޫރިޒަމް ޒޯން ލޭންޑްސްކޭޕް ކުރުމަށް 0.33 ހެކްޓަރުގެ ބިމެއް އައިރިން އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފި އެވެ.

އެގޮތުން ބުރާސްފަތި ދުވަހު ކައުންސިލްގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް އެވެ. އަދި އަރިއިން އެންޓަޕްރައިޒަސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ، ހަސަން ނަސީރު އެވެ.

މަރަދޫ ޓޫރިޒަމް ޒޯން ލޭންޑްސްކޭޕް ކުރުމުގެ މަސައްކަތް އައިރިން އެންޓަޕްރައިޒަސް އާ ކައުންސިލުން ހަވާލުކޮށްފައި ވަނީ އޮގަސްޓް 10 ވަނަ ދުވަހު އެވެ. މަރަދޫ ޓޫރިޒަމް ޒޯންގެ ލޭންޑްސްކޭޕިންގ 70 ދުވަހުގެ ތެރޭގައި ނިންމަން އެއްބަސްވެފައިވާއިރު، އެ މަޝްރޫޢަށް 3،900،000.00 ދިވެހި ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައި ވެއެވެ.

އައްޑޫ ސިޓީގައި ގެސްޓްހައުސް އާއި ސިޓީ ހޮޓެލް ވިޔަފާރި ތަރައްޤީކުރުމަށް ޓޫރިޒަމް ޒޯންތަކުގެ ގޮތުގައި ފަސް ސަރަޙައްދެއް ވަނީ ކަނޑައަޅައިފައެވެ. އެއީ ހިތަދޫ ފަޅޯ ދަނޑިފަންނު ޓޫރިޒަމް ޒޯން އާއި، މަރަދޫ ވެންބޮޅަފިށި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން އާއި، ފޭދޫ ދިގިހެރަ އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯންގެ އިތުރުން ހުޅުދޫ މާފިށި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން އަދި މީދޫ މުލިމަތި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން އެވެ.