English Edition
Dhivehi Edition

އުރީދޫ އޮޕަރޭޓްކުރާ 10 ގައުމެއްގެ 117 މިލިއަން އަށްވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށް ދިވެހިރާއްޖޭގެ ރީތިކަން ޕްރޮމޯޓުކުރާ ޑެސްޓިނޭޝަން ކެމްޕެއިން އެއް “ވިޒިޓް މޯލްޑިވްސް ނައު” ގެ ނަމުގައި އުރީދޫން ލޯންޗުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީގެ އިތުރުން އޯކާ މީޑިއާ ގްރޫޕާ ގުޅިގެން ކުރިއަށްގެންދާ މި ކެމްޕޭނުގައި އުރީދޫގެ ބައިނަލްއަގުވާމީ ނެޓްވޯކުގެ ކަސްޓަމަރުންނަށް، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ތިބި އެ ކުންފުނީގެ މީޑިއާ ޕާޓްނަރުންގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ވަނީ ހާމަކޮށްފައެވެ. މި މަހުން ފެށިގެން އަންނަ އަހަރުގެ ކުރީ ކޮޅާ ހަމައަށް ކުރިއަށް ގެންދާ މި ކެމްޕެއިންގެ ދަށުން މި ޕޯސްޓުތަކަށް ކޮމެންޓްކޮށް، ޝެއާކުރާ މީހުންގެ ތެރެއިން ހޮވޭ މީހުންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތުގެ އިތުރުން ތަފާތު ހަދިޔާތައް ހުށައެޅިފައިވާ ކަމަށްވެސް އުރީދޫން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެފައިވަނީ މި ކެމްޕޭން ކާމިޔާބުކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އަދި މިކަމުގެ ސަބަބުން، އެ ގައުމުުތަކުގައި ތިބޭ މީހުން ރާއްޖެ އަންނަން ބޭނުންވާނެ ކަމަށެވެ.

“މީގެ ސަބަބުން ގިނަ ޓޫރިސްޓުންތަކެއް ރާއްޖެ އައުމަށް ހިތް ޖެހިގެންދާނެ. ރާއްޖެއަކީ ދުނިޔެ މި އޮތް ހާލަތުގައި ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި މާހައުލެއް، ފަތުރުވެރިންގެ ރައްކާތެރިކަން ގާއިމް ކުރުމަށް އަޅުގަނޑުމެން ވަނީ އެތަކެއް ފިޔަވަޅުތަކެއް އަޅާފައި،” ތޮއްޔިބު ވިދާޅުވި އެވެ.

ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމަށް އައިސްފައިވާ ހީނަރުކަމާއި އާއިލާތަކަށް އެއިން ކޮށްފައިވާ ނޭދެވޭ އަސަރު އަލުން ކުރިއެރުވުމަށް މި ކެމްޕޭނުން އެހީވާނެ ކަން ފާހަގަ ކުރައްވަމުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ބައިނަލްއަގުވާމީ ނެޓްވޯކުތައް މެދުވެރިކޮށް ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ ކުރިއެރުން ހޯދައިދިނުމަށް ކަމަށެވެ.

“ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ލޮޅުމާއި ގުޅިގެން އެތަކެއް އާއިލާއަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ. އެހެންކަމުން މިދަތިތަކުން އަރައިގަތުމަށް ގައުމީ އެއްބާރުލުމަކާއެކު އަޅުގަނޑުމެން “ވިސިޓް މޯލްޑިވްސް ނައު” ޑެސްޓިނޭޝަން ކެންޕެއިން މި ފަށައިގަންނަނީ ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށާއި އެތަކެއް އާއިލާއަކަށް ފާގަތިކަން ގެނުވައިދިނުމުގެ އުއްމީދުގަ” ނަޖީބް ހާން ވިދާޅުވިއެވެ.

އުރީދޫން ދުނިޔޭގައި ފާހަގަކޮށްލެވޭ ތަފާތު ޓެކްނޮލޮޖީ އާއި ހިދުމަތްތައް ރާއްޖެއަށް ތަޢާރަފްކޮށް، މުޖުތަމައުގެ ތަރައްގީއަށް އާ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އިރު ވޭތުވެދިޔަ 15 އަހަރު ތެރޭގައި ރާއްޖެއަށް މެދުނުކެނޑި އިންވެސްޓްކޮށް، ނެޓްވޯކު ފުޅާކޮށް، ކުރިއަށް ވުރެ ބޮޑެތި ކުރިއެރުން އެ ކުންފުނިން ވަނީ ގެނެސްދީފަ އެވެ.