English Edition
Dhivehi Edition
ފުވައްމުލައް ހޮސްޕިޓަލް

ރަށުގައި ތިބެގެން ރަށުގެ ހޮސްޕިޓަލުން ހެދެން ނުހުންނަ ލެބޯޓަރީ ޓެސްޓުތައް ބަލިމީހާ މާލެ ނުގޮސް ހެއްދޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުވައްމުލައް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

އަހުމަދު ސައީދު ވިދާޅުވި ގޮތުގައި ރަނގަޅު ސިއްހީ ފަރުވާ ހޯދުމަށް މިވަގުތު ފުވައްމުލަކުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ދަތި އެއް ކަމަކީ ރަށުގައި އެކި ދާއިރާތަކުގެ ޑޮކްޓަރުން ތިބި ކަމުގައިވިއަސް ބަލި ދެނެގަތުމަށް ނުވަތަ ބައްޔަށް ފަރުވާކުރުމަށް ކޮންމެހެން ހައްދަން ޖެހޭ ބައެއް ޓެސްޓުތައް ރަށުގެ ހޮސްޕިޓަލުން ހެއްދޭނެ ގޮތެއް ނެތުމެވެ. އެގޮތުން ގިނަ ބަލި މީހުންތަކެއް ރަށުން ބޭރަށް، ހާއްސަކޮށް މާލެއަށް ޓެސްޓުތައް ހެއްދުމަށް ދާންޖެހޭ ކަމަށް އަހުމަދު ސައީދު ވަނީ ފާހަގަކޮށްފައެވެ.

އޭއޯ ނިއުސް އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އަހުމަދު ސައީދު ވިދާޅުވީ ފުވައްމުލަކުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިވަގުތު އަޖުމަ ބެލުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް ގެ ލެބޯޓަރީ އަށް ބަލިމީހާގެ ސާމްޕަލް ފޮނުވައިގެން ޓެސްޓު ހައްދަމުން އަންނަ ކަމަށެވެ. އަހުމަދު ސައީދު ވިދާޅުވީ ޕޯސްޓު އޮފީހުގެ އެހީތެރިކަމާއި އެއްކޮށް މިހާރުވެސް ގިނަ ސާމްޕަލް ތަކެއް ފޮނުވިފައިވާކަމަށާއި ބައެއް ޓެސްޓު ތަކުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެގޮތުން އުއްމީދަކީ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭ މިގޮތަށް ޓެސްޓުތައް ހެއްދުން ރަސްމީކޮށް ފެށިގެން ދިއުން ކަމަށްވެސް އަހުމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

ލެބޯޓަރީ ޓެސްޓުތަކުގެ ވާހަކަދައްކަވަމުން އަހުމަދު ސައީދު ވިދާޅުވީ މިވަގުތު ހޮސްޕިޓަލުން ކޮވިޑް19އަށް ޓެސްޓު ކުރެވޭނެ މަގު ފަހި ކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކޮވިޑް19 އަށް ޓެސްޓު ކުރުމަށް ބޭނުންކުރާ މެޝިން މިހާރު ރަށަށް އައުމުގެ މަގުމަތީގައި ވާއިރު މެޝިން ބަހައްޓާނެ ތަނެއް ހެދުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރެވެމުންނެވެ. އޭގެ އިތުރުން ލެބޯޓަރީ ޓެކްނީޝަން އެއް އެކަމާއި ގުޅޭގޮތުން ތަމްރީނު ހޯދުމަށް މާދަމާ އައްޑޫ ސިޓީގައި ހުންނަ އީކުއަޓޯރިއަލް ހޮސްޕިޓަލަށް ފުރަން ހަމަޖެހިފައިވާއިރު އެއް ހަފްތާ ފަހުން ކޮވިޑް19 އަށް ފުވައްމުލައް ހޮސްޕިޓަލުން ޓެސްޓު ހައްދަން ފެއްޓުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް އަހުމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

ފުވައްމުލައް ހޮސްޕިޓަލުން ރައްޔިތުންނަށް ލުއިފަސޭހަ ސިއްހީ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ދާދި ފަހުން އެ ހޮސްޕިޓަލުގައި ވަނީ ޓެލެކޮންސަލްޓޭޝަންގެ ހިދުމަތްވެސް ފައްޓާފައެވެ. މި ހިދުމަތުގެ ސަބަބުން ރަށުގައި ނެތް ގިނަ ދާއިރާތަކެއްގެ ޑޮކްޓަރުންނާއެކު ރައްޔިތުންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކޭނެ ގޮތް އެ ހޮސްޕިޓަލުންވަނީ ތައާރަފުކޮށް ދީފައެވެ. މި ހިދުމަތް ކުރިއަށް ގެންދަނީ ފުވައްމުލައް ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލް ގުޅިގެންނެވެ

1 ކޮމެންޓް
އަލީފުގެ ބުރޯ
ސެޕްޓެމްބަރު 9, 2020
ވަރަހަ ރަނގަޅަ ލިއުމެއް، ޝުކުރިއްޔާ