English Edition
Dhivehi Edition
ޔުނިވާސަލް އިން 10،000 ޓެސްޓް ކިޓް ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (ހެލްތު މިނިސްޓްރީ)

ޔުނިވާސަލް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން، ހެލްތު މިނިސްޓްރީ އަށް އިތުރު 10،000 ޓެސްޓް ކިޓް ހަދިޔާކޮށްފި އެވެ.

އެކަން ހާމަކޮށް ހެލްތު މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިއަދު ހަދިޔާކުރި ޓެސްޓް ކިޓްތަކާއެކު، ޔުނިވާސަލް އިން މި ޕެންޑަމިކްގައި މިހާތަނަށް 30،000 އަށްވުރެ ގިނަ ޓެސްޓް ކިޓް ހަދިޔާކޮށްފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް އެ ކުންފުނިން ވަނީ 20،200 ޓެސްޓް ކިޓް ހަދިޔާކޮށްފައެވެ. އަދި ޔުނިވާސަލް އިން ވަނީ މީގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރާ ޕީސީއާރު ދެ މެޝިނާއި، ޕީޕީއީގެ އިތުރުން ވެންޓިލޭޓަރުވެސް ހަދިޔާކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 8،486 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 5،822 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 2،629 މީހުން މި ބައްޔަށް ފަރުވާ ހޯދަމުންދާއިރު، ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދަނީ 168 މީހެކެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް 119،460 ސާމްޕަލް ނަގާފައިވާއިރު، 29 މީހަކު ވަނީ މި ބަލީގައި ރާއްޖެއިން މަރުވެފައެވެ.