މިދިޔަ ހުކުރު ދުވަހު އަވަހާރަވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، ހުސައިން މުޙައްމަދުގެ ހަނދާނުގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފި އެވެ.
ޙުސައިންގެ ހަނދާނުގައި މަޖިލީހުގައި މިއަދު ސުކޫތެއް ގެނެސްފައިވާއިރު، މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސާ، އީވާ ޢަބްދުﷲ ވިދާޅުވީ މެންބަރު ހުސައިންގެ ހަނދާނުގައި މަޖިލީހުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވާލާނެ ކަމަށާއި، އެ ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ލިބޭނެ ކަމަށެވެ.
ޙުސައިން މުޙައްމަދަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވިދިވިދިގެން 3 ދައުރެއްގައި ކުރެއްވި ބޭފުޅެކެވެ. މިގޮތުން އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005ން 2009 އަށް އަދި މަތިވެރީ ދާއިރާގެ މެންބަރުކަން 2009ން 2019 އަށް ވަނީ ކުރައްވާފައެވެ.
ޙުސައިން މުޙައްމަދަކީ، ސަރުކާރަށް 28 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި އަދި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އެ މަގާމުތަކުގެ ތެރޭގައި ޓެލެވިޜަން މޯލްޑިވެސްގެ ޑެޕިޔުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލްކަމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމާއި، އެގްޒެކެޓިވް ޑިރެކްޓަރކަމާއި، ޓެލެވިޜަން މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ކަން ހިމެނެއެވެ. 6 އޮގަސްޓް 2008 ގައި ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބުކަމުގެ މަގާމުގައެވެ.
ސަރުކާރުގެ ޚިދުމަތް ޙުސައިން މުހައްމަދު ފުރަތަމަ ފެށްޓެވީ 11 ސެޕްޓެންބަރު 1972 ގައި އެއަރޕޯޓު އޮފީހުގެ މިޓިއޮރޮލޮޖިކަލް އޮބްޒަރވަރގެ މަގާމުންނެވެ. އޭގެފަހުން ބޭރުގެ ޚަބަރުތައް ތަރުޖަމާ ކުރެއްވުމާއި، ބޭރުގެ ޚަބަރުތައް ދިރާސާ ކުރައްވަިއ އެ މަޢުލޫމާތުތައް ޢާންމުންނާ ހަމައަށް ގެނެސްދެއްވުމަށް ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި ގިނަ މަސައްކަތްޕުޅުތަކެއް ވަނީ ކޮށްދެއްވާފައެވެ. އެގޮތުން ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ނިއުސްރޫމުގައްޔާއި ދިވެހިރާއްޖޭގެ އަޑުގެ ޚަބަރު ނަގާ ތަރުޖަމާކުރާ މަގާމުގައި ހުންނަވައިގެން ޚިދުމަތްތަކެއް ކޮށްދެއްވި އެވެ. އަދި އޭގެފަހުން ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރަކަށް ހުންނަވައިގެން ތަޢުލީމީ އެކިއެކި ޕްރޮގުރާމްތައް އުފެއްދެވުމަށް ގިނަ މަސައްކަތްޕުޅުތަކެއްވަނީ ކުރައްވާފައެވެ.
ރާއްޖޭގެ ނޫސްވެރިކަމަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގަިއ ޙުސައިން މުޙައްމަދަށް ވަނީ ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންފައެވެ.