English Edition
Dhivehi Edition
އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އެމްޓީސީސީ

އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ 23% މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިހާރު އެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދަނީ ޑްރެޖިންގެ މަސައްކަތްތައް ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑިން އުސޫލުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީ އާއި ހަވާލުކުރީ 01 މާރިޗް 2020 ވަނަ ދުވަހުއެވެ.

ހުޅުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހުޅުދޫގެ މުސްކުޅި ބަނދަރު ވެލިއަޅާފުރާލާ، އައުބަނދަރެއް ހަމައެދިމާލުން، ރަށުގެ ހުޅަނގުފަރާތުން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއް އަހަރާއި 10 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 65.1 މިލިއަން ރުފިޔާ އެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ބޭނުންކުރަމުންދާ ބަނަދަރު ހިއްކުމަށްފަހު 106 މީޓަރު ފުޅާ، 306 މީޓަރު ދިގު ބަނދަރެއް ހެދުމަށްވަނީ ނިންމާފައެވެ. އަދި މެދު ދިޔައިން 3.5 މީޓަރު ހުންނަވަރަށް ފަޅު ފުންކޮށް، މެދު ދިޔައިގައި 4.5 މީޓަރު ހުންނަވަރަށް ބަނދަރުގެ ނެރު ފުންކޮށް ހަތަރު ފަރާތުގައި ޖުމްލަ 742 މީޓަރުގެ އެލް ބްލޮކްސް ޖެހުމަށް ވަނީ ނިންމާފައެެވެ. މީގެ އިތުރުން:

  • ފަޅުތެރެއަށް ނިވާވާނެހެން ފަޅުގެ އުތުރުފަރާތުން 13247.820 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާ ނިވާފަޅީގައި އެއްގަމު ތޮށިލައި ބޭރުފަޅިން ވަށައިގެން ބޮޑު ހިލަޖެއްސުން.
  • ފަޅުތެރޭގައި 12 ފައްތިޔާ 20 މީޓަރުގެ ދުރުމިނުގައި ބެހެއްޓުން،
  • ބަނދަރުގެ އުތުރުން 114މީޓަރުގެ ބޮޑުހިލަފައިކައްޓެއް ޖެހުން ،އަދި އެސަރަހައްދުގެ ހުޅަނގުފަރާތުން ނިވާވާނެހެން ހިއްކަސަރަހައްދުގައި ބޮޑުހިލަޖެއްސުން،
  • ބަނދަރުގެ ދެކުނު ސަރަހައްދުގެ ހިއްކިބިމުގެ ވަށައިގެން 128 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަޖައްސާ 25މީޓަރުގެ ހިލަފައި ކައްޓެއްލުން,
  • ހާބަރުގެ އިރުމަތީ އެއްގަމުތޮށީ ގެ ހުޅަގުކަނުން 11 މީޓަރުފުޅާ، 11މީޓަރު ދިގު ރޭމްޕެއް ހެދުން
  • ބަނދަރުމަތީގައި ޖުމްލަ 38 މަގުބައްތިޖެހުން
  • ބަނދަރުގެ ހުޅަނގާއި އިރުމަތީ ފަރާތް ގުޅުވަން 9 މީޓަރު ދިގު 4 މީޓަރުގެ ފާލަމެއްލައި އަޑި އޮއިދެމޭނެހެންހެދުން
  • ބަނދަރުގެ ވަށައިގެން ކޮންމެ 20 މީޓަރުން ފެންހިންދާ ކާނުލުން.

ހުޅުދޫ އަށް އަރާފައިބާ ބަނދަރަކީ 1980ގެ އަހަރުތަކުގެ ތެރޭގައި ރަށު ރައްޔިތުން ނުކުމެ ހަދާފައިވާ ބަނދަރެކެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އެއް ބަނދަރު ކަމުގައިވާ ހުޅުދޫ ބަނދަރު ހެދިފައިވަނީ ޒަމާނުއްސުރެ އެރަށަށް މީހުން އަރާފައިބާ ސަރަހައްދުގައެވެ.