English Edition
Dhivehi Edition
ނެދަލޭންޑްސްގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ޕޯލެންޑް އަތުން 1-0 އިން ނެދަލޭންޑްސް މޮޅުވިއިރު، އަމިއްލަ ދަނޑުގައި ބޮސްނިއާ އެންޑް ހާޒެގޮވީނާއާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުން 1-1 އިން އެއްވަރުވެ އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑަށް ނިމުމެއް އަތުވެއްޖެއެވެ.

ރޭގެ މެޗަކީ މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް ނެދަލޭންޑްސްގެ ކުރީގެ ކޯޗު ރޮނާލްޑް ކޫމަން އެ ޓީމުގެ ކޯޗުގެ މަގާމު ދޫކޮށް ބާސެލޯނާއާ ހަވާލުވިފަހުން ކުޅުނު ފުރަތަމަ މެޗެވެ. އެ ޓީމު ވަނީ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މޮޅު ކުޅުމެއް ދައްކާފައެވެ. ރޭގެ މެޗުގައި އެ ޓީމަށް އިރުޝާދު ދިނީ ވަގުތީ ކޯޗު ޑްވައިޓް ލޮޑެވެޔެސް އެވެ.

ޕޯލެންޑުން ރޭގެ މެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބަޔާން މިއުނިކަށް އެންމެ ފަހުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަށް ނުކުޅެވުމެވެ. އޭނާގެ ބަދަލުގައި އެ ޓީމުގެ ފޯވާޑްލައިން ބެލެހެއްޓީ ކުރީން އޭސީ މިލާނަށް ކުޅުނު ކްރިސްޓޯފް ޕިއޮންޓެކް އެވެ.

ނެދަލޭންޑްސްގެ އެމްސްޓެޑަމް އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހާނެ މާގިނަ ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު، އެ ޓީމުގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. ޕޯލެންޑްގެ ޕިއޮންޓެކް ފޮނުވާލި ހަމަލާ ނެދަލޭންޑްސްގެ ގޯލްކީޕަރު ޔެސްޕާ ސިލެސަން މަތަކުރިއެވެ.

ނެދަލޭންޑްސްގެ ފްރެންކީ ޑި ޔޯން (ވ) އަތުން ބޯޅަ ހޯދަން ޕޯލެންޑްގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. –ފޮޓޯ: ޓުވިޓާ

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ނެދަލޭންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއީ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއެވެ. އޭގެފަހުން، މެޗުގެ 61 ވަނަ މިނެޓުގައި ނެދަލޭންޑްސް އިން ޖެހި ހަމައެކަނި ލަނޑު، ހަންސް ހަޓެބޮއާ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުން އަންނަ ވިންގާ ސްޓީވެން ބާގްވިން އެވެ. މި ހަމަލާ އުފެއްދުމުގައި އެ ޓީމުގެ މިޑްފީލްޑަރު ޑި ޔޯން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނެދަލޭންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނީ އެ ޓީމުން ރޭގެ މެޗަށް ނިކުތީ އެންމެ ހަފްތާއެއްގެ ފަރިތަކުރުންތަކަށް ފަހުގައި ކަމަށްވުމުން ގިނަ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވަރުބަލިކަން އިހްސާސްކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް، މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލުމުގައި ދެއްކި ކުޅުމަށް ވަނީ ތައުރީފްކޮށްފައެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި އިޓަލީގެ ދަނޑުގައި ބޮސްނިއާ ވަނީ 1-1 އިން އެއްވަރުވެފައެވެ. ރޭގެ މެޗުގައި ފެނިގެންދިޔަ ދެ ގޯލް ވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން، ދެވަނަ ހާފުގެ ކުޅުން ފެށިތާ 12 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ބޮސްނިއާ އިންނެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ އިޓަލީގެ އޭއެސް ރޯމާ އަށް ކުޅެމުން އަންނަ ފޯވާޑް އެޑިން ޖެކޯ އެވެ.

އިޓަލީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 67 ވަނަ މިނެޓުގައި ސްޓެފާނޯ ސެންސީ އެވެ. މިއީ އެ ޓީމުގެ ލޮރެންޒޯ އިންސީނިއޭ ތަނަވަސްކުރި ފުރުޞަތަކުން އިންޓަ މިލާނަށް ކުޅެމުން އަންނަ މިޑްފީލްޑަރު ސެންސީ ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، ބޮސްނިއާގެ އާމިން ހޮޒިޗް އާއި އިޓަލީގެ އިންސީނިއޭ ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

ބޮސްނިއާ އެންޑް ހާޒެގޮވީނާއާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

މެޗާ ބެހޭގޮތުން އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ ނަތީޖާ ނިކުތްގޮތުން ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމަށާއި، އެ ޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާ ކަމަށެވެ.

ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިޓަލީން ޔޫރޯ ކޮލިފައިންގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާއިރު، އެންމެ ފަހުން ކުޅުނު 11 މެޗު ވަނީ ކާމިޔާބުކޮށްފައެވެ.

މި ގްރޫޕުގައި ދެން ކުރިއަށް އޮތީ އަންނަ ހޯމަ ދުވަހު ނެދަލޭންޑްސްގެ ދަނޑުގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމަ އެ ދުވަހު ބޮސްނިއާ އަމިއްލަ ދަނޑުގައި ނިކުންނާނީ ޕޯލެންޑާ ދެކޮޅަށެވެ.

ނޭޝަންސް ލީގުގައި ރޭ ކުޅުނު ބައެއް މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އޮސްޓްރިއާ އަތުން އަމިއްލަ ދަނޑުގައި 2-1 އިން ނޯވޭ ބަލިވިއިރު، އެ ޓީމުގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވަނީ ސީނިއާ ޓީމަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދީފައެވެ. ސްލޮވޭކިއާ އަތުން ރަށުން ބޭރުގައި 3-1 އިން ޗެކްރިޕަބްލިކް މޮޅުވިއިރު، އަލްބޭނިއާ ވަނީ 2-0 އިން ބެލާރުސް ބަލިކޮށްފައެވެ.