މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.
މިއާއެކު، ކުރިއަށް އޮތް 14 ދުވަހަށް ޕޮގްބާ ސެލްފް އައިސޮލޭޝަނަށް ދާން ޖެހިފައިވުމުން ފްރާންސް ޓީމުން އަންނަ ސެޕްޓެންބަރު މަހުގެ ކުރީކޮޅު ޔުއެފާ ނޭޝަންސް ލީގުގައި ކުޅުމަށް ހަމަޖެހިފައިވާ ދެމެޗު ވެސް ނުކުޅެވޭނެއެވެ.
އެހެންނަމަވެސް، ޕްރިމިއާ ލީގުގައި އަންނަ މަހުގެ 19 ވަނަ ދުވަހު ޔުނައިޓެޑްގެ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ އަށް ބައިވެރިވެވޭނެއެވެ.
“އަހަރެންނަށް މިވަނީ އެންމެ ފަހުވަގުތު ސްކޮޑަށް ބަދަލެއް ގެންނަންޖެހިފައި،”
“ޕޮގްބާ އަކީ އެންމެ ފުރަތަމަ ނެގި ސްކޮޑު ލިސްޓުގައި ހިމެނުނު ކުޅުންތެރިއެއް. ނަމަވެސް އެންމެ ފަހުން ހެދި ޓެސްޓުތަކަށްފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން މިވަނީ އުނިކުރަންޖެހިފައި.” ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ބުންޏެވެ.
ދުނިޔޭގެ ޗެމްޕިއަން ފްރާންސް އިން ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހު ރަށުން ބޭރުގައި ސްވިޑެންއާ ދެކޮޅަށް ނިކުންނައިރު، އޭގެ ތިން ދުވަސް ފަހުން އަމިއްލަ ދަނޑުގައި ނިކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.
އެގޮތުން، ފްރާންސުން ކުރިއަށް އޮތް މެޗުތަކަށް ނެގި ސްކޮޑުގައި ޕޮގްބާގެ ބަދަލުގައި ރެނޭސްގެ ޒުވާން މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ އަށް ފުރުޞަތުދީފައިވާއިރު. މި ފަހަރުގެ ސްކޮޑުގައި ދުވަސްތަކަކަށްފަހު ޔުވެންޓަސްގެ މިޑްފީލްޑަރު އެޑްރިއެން ރަބިއޯ ވަނީ ހިމަނާފައެވެ.
ފްރާންސްގެ 23 ކުޅުންތެރިންގެ ސްކޮޑް:
ގޯލްކީޕަރުން: ހޫގޯ ލޮރިސް، ސްޓީވް މަންޑަންޑާ، މައިކް މައިގްނަން؛
ޑިފެންޑަރުން: ލޫކާ ޑީނިއޭ، ލިއޯ ޑުބޮއިސް، ލޫކަސް ހެނާންޑޭޒް، ޕްރެސްނެލް ކިމްޕެމްބޭ، ރަފައެލް ވަރާން، ކްލެމެންޓް ލެންގްލޭ، ޑަޔޮޓް އުޕަމެކާނޯ، ފާލަން މެންޑީ؛
މިޑްފީލްޑަރުން: އެންގޯލޯ ކާންޓޭ، އެޑުއާޑޯ ކަމަވިންގާ، ސްޓީވެން އެންޒޮންޒީ، އެޑްރިއެން ރަބިއޯ، ހުސާމް އޮއާރް، މޫސާ ސިސޯކޯ؛
ފޯވާޑުން: ވިސާމް ބެން ޔެޑާ، އޮލިވިއޭ ޖިރޫ، އެންޓޮއިން ގްރީޒްމަން، އެންތަނީ މާޝިއަލް، ކިލިއަން އެމްބާޕޭ، ޖޮނަތަން އިކޯނޭ.