އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 190.15 ކިލޯ ގްރާމްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.
އިއްޔެ މިތަކެތި ނައްތާލާފައިވަނީ ދޫނިދޫގައެވެ. މިތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. އެގޮތުން ނައްތާލާފައިވާ މަސްތުވާތަކެއްޗަކީ 2009 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ނައްތާނުލެވިހުރި މައްސަލަތަކުގައި ހިމެނޭ ތަކެއްޗެވެ.
މިތަކެތީގެ ތެރޭގައި ހިމެނެނީ 4،1926 ރަބަރު ޕެކެޓާއި 16،342 ސެލޯފިންކޮޅާއި 536 ފިލްމު ހުސްކުރި ދަޅާއި 911 ބްލެޓާއި 649 ބިޑި އާއި 2،334 ބޭސް ގުޅަ އަދި 25،146 އެހެނިހެން އައިޓެމެވެ. އެހެނިހެން އައިޓަމްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި ގެންގުޅޭ އާލާތްތައް ހިމެނެއެވެ.މީގެއިތުރުން ނައްތާލި ތަކެތީގެ ތެރޭގައި 51.16351 ކިލޯ ގްރާމްގެ ހެރޮއިން އާއި 41.19352 ކިލޯގްރާމްގެ ކެނެބިސް އާއި 1.97 ގްރާމްގެ އެމްފެޓަމިން އާއި 3.05711 ކިލޯގްރާމްގެ މެޓަމްއެމްފެޓަމިން ރެސިމޭޓް 173.88 ގްރާމްގެ ނައިޓްރަޒިޕާމް އާއި 113.66 ގްރާމްގެ އެމްޑީއެމްއޭގެ އިތުރުން 6.60065 ކިލޯގްރާމްގެ ކޮކޭންއެވެ.
މައުލޫމާތު: ޕޮލިސް ލައިފް