English Edition
Dhivehi Edition

މާލެ ސަރަހައްދުން ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ރޭގަނޑު 8:00 އާއި ފަތިހު 5:00 އާއި ދެމެދު އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކޮށްފައިވާއިރު، މި ވަގުތުތަކުގައި ދުއްވާ އެއްގަމު އުޅަނދުތައް ޓޯކުރުމަށް ނިންމާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެވަގުތުތަކުގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާނަމަ ފުރަތަމަ ފަހަރު ނަސޭހަތްތެރިވާނެ ކަމަށާއި، އެއަށްފަހު ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ތިންވަނަ ފަހަރަށް އެ ވެހިކަލެއް ދުއްވުން މަނާ ގަޑީގައި ދުއްވާ ނަމަ ވެހިކަލް ޓޯކުރާނެކަމަށާއި އެ އުޅަނދު ޓޯ ކުރުމަށްފަހު ދޫކުރެވޭނީ ޖޫރިމަނާގެ ފައިސާ ދެއްކުމުންކަމުގައި އަބްދުﷲ ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޢަބްދުﷲ ޝަރީފް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅަނދު ދުއްވުން މަނާކުރުމާ ގުޅިގެން މަނާ ގަޑީގައި އުޅަނދުތައް ޖޫރިމަނާ ކުރަމުންދާނީ އެހެނިހެން ކަންތައްތަކުގައިވެސް އަމަލުކުރަމުންދާ އުސޫލުން ނަސޭހަތް ދިނުމަށްފަހު ޖޫރިމަނާ ކުރަމުންދާ ކޮންމެ ފަހަރަކު 1000 ރުފިޔާގެ މަގުންކަމަށެވެ.

ހަމައެއާއެކު އުޅަނދު ދުއްވުން މަނާކުރިކަމުގައިވީނަމަވެސް ރޭގަނޑު 20:00 އިން 22:00 އަށް ބޭރުގައި އުޅުން މަނާ ނުވާކަން ފާހަގަކުރައްވައި، ޢަބްދުﷲ ޝަރީފް ވިދާޅުވީ ރޭގަނޑު 20:00 އިން ފަތިހު 05:00 އަށް އެއްވެސް އުޅަނދެއް ދުވުމަކީ މަނާކަމެއްކަމަށާއި ކުރިން ނެރެފައިވާ ގައިޑްލައިންއާ އެއްގޮތަށް ރޭގަނޑު 22:00 އިން ފަތިހު 05:00 އަށް ބޭރުގައި އުޅުންވެސް މަނާވާނެކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އުޅަނދު ދުއްވުން މަނާކުރުމުގެ ބޭނުމަކީ، އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުވުމަށްކަމަށެވެ. މީގެ އިތުރުން އެޗްޕީއޭ އިން ބުނީ، ކޮންމެ ހަފްތާއެއްގެ ހާލަތު ދިރާސާކޮށް ބަލި ފެތުރުން މަޑުޖެއްސުމަށްޓަކައި ހާލަތާ އެންމެ އެކަށޭނެ ފިޔަވަޅުތައް ދެނެގަނެ އެއަށް އަމަލު ކުރާނެ ކަމަށެވެ.