ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި މާދަމާ ރޭ ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ސްޕެއިނުގެ ބާސެލޯނާ ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށް އެ ޓީމުގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފިއެވެ.
ބާސާ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ގްރީޒްމަން ބުނީ ބަޔާންއާ ދެކޮޅަށް ނިކުތުމަށް ހުރިހާ ކުޅުންތެރިން ކެތްމަދުވެފައިވާ ތިބި ކަމަށާއި، ޓެކްޓިކަލީ ވެސް އެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އެ މެޗަކީ އުނދަގޫވާނެ މެޗެއް ނަމަވެސް ސެމީ އަށް ދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
“ބަޔާންއާ ދެކޮޅަށް ނިކުތުމަށް މިތިބީ ކެތްމަދުވެފައި. އެ މެޗަކީ ވަރަށް އުނދަގޫވާނެ މެޗެއްކަން ދެނެތިބެ ޓެކްޓިކަލީވެސް މި ތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން،”
“ބަޔާން ބަލިކޮށް ސެމީ އަށް ދިއުމަށްޓަކައި އަހަރެމެން ކުރަންޖެހޭ މަސައްކަތް އެނގޭ.” ގްރީޒްމަން ބުންޏެވެ.
ގްރީޒްމަން އިތުރަށް ބުނީ މި ދުވަސްވަރު ހޫނުގެ ސަބަބުންނާއި ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެންޖެހިފައިވުމުން ވަރަށް ބޮޑަށް ވަރުބަލިކަން އިހްސާސްކުރެވޭ ކަމަށާއި، ހާއްސަކޮށް ސަޕޯޓަރުންގެ މާބޮޑު އެހީތެރިކަމެއް ނެތި ކުޅެން ޖެހިފައިވާއިރު، އެ ފަރާތްތަކުގެ މެސެޖުތައް ސޯޝަލް މީޑީއާގެ ޛަރިއްޔާއިން ފެންނާތީވެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ.
މީގެއިތުރުން، ގްރީޒްމަން ބުނީ މި ފަހަރުގެ މުބާރާތުގެ މެޗުތައް މިހާރު ކުރިއަށްދާ ގޮތުން ގައުމީ ޓީމާއެކު ބައިނަލް އަގުވާމީ މުބާރާތެއް ކުޅޭކަމުގެ އިހްސާސްތަކެއް ކުރެވޭ ކަމަށާއި، ތަފާތު ތަޖުރިބާއަކަށްވާއިރު ޓީމުގެ އެހެން ކުޅުންތެރިންނާއެކު ގިނަ ވަގުތުތަކެއް ހޭދަކޮށް ފުޓްބޯޅައާ ގުޅުންހުރި ވާހަކަތައް ދެއްކޭތީވެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްޓަކައި އޮތީ އެންމެ ތިން މެޗުކަން ވެސް ގްރީޒްމަން ފާހަގަކުރިއެވެ.