English Edition
Dhivehi Edition

ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އާކޮށްދީފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ވަނީ ކާބޯތަކެތީގެ ޒަރޫރީ ހަތް ބާވަތެއްގެ އިތުރުން އިމާރާތްކުރުމިގެ ދާއިރާއަށް ބޭނުންވާ ހިލަޔާ ހިލަވެލި އިންޑިއާއިން އެތެރެކުރުމަށް ދީފައިވާ ކޯޓާ އައުކޮށްދީފައިވާކަން ހާމަކުރައްވާފައެވެ،އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ވިދާޅުވީ މިދިޔަ އަހަރަށްވުރެ އިތުރަށް މިއަހަރު ކޯޓާ ދޫކޮށްފައިވާނެކަމަށެވެ. އެހެންކަމުން ކޮވިޑް-19ގެ މިހާލަތުގައިވެސް ރާއްޖެއަށް ޒަރޫރީ ބާވަތްތައް އިމްޕޯޓްކުރުމަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ޒަރޫރީ ގިނަ ބާވަތްތަކެއް ބޭރުކުރުން މަނާކޮށްފައި އޮތްނަމަވެސް، ޚާއްސަ އުސޫލެއްގެ ދަށުން މެދުނުކެނޑި ރާއްޖެއަށް އެ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވީތި އެކަން ފާހަގަކޮށްފައެވެ. އަދި ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާއިން ދީފައިވާ ކޯޓާ އައު ކޮށްދެއްވާފައިވާތީ އެކަން ފާހަގަކޮށް މިނިސްޓަރ ޝާހިދުވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާއިން ކޯޓާ އައުކޮށްދީފައިވާ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި ހަކުރު، ހަނޑޫ، ފުށް، ބިސް، ފިޔާ، އަލުވި އަދި މުގު ހިމެނެއެވެ. މީގެ އިތުރުން އިމާރަތްކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލީގެ ކޯޓާވެސްވަނީ އައުކޮށް ދީފައެވެ.