English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ފޮޓޯ: ރިޒްނާ ޒަރީރު

ރައީސުލްޖުމްހޫރިއްޔާ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެންއައިސީގެ ތިން މެންބަރުން އިސްތިޢުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި، އެންއައިސީގެ ޤާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތީން އިޢުލާނުކުރުމުން، އެކަމަށް އިޖާބަދެއްވި ހުރިހާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

އެންއައިސީގެ ތިން މެންބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީސް ހުޅުވާލީ ޖުލައި 12 ވަނަ ދުވަހު އެވެ. އެގޮތުން އިސްތިއުފާ ދެއްވާފައިވަނީ އެންއައިސީގެ ނާއިބް ރައީސް ހައްސާން ހަމީދާއި މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީންނެވެ.

މީގެ އިތުރުން އެ ކޮމިޝަންގެ ރައީސް، އަޙްމަދު ސުލައިމާން އެ ކޮމިޝަނުން ވަކިކުރެއްވުމާއި ގުޅިގެން ހުސްވެފައިވާ އެ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ވަނީ މިއަދު ހުޅުވާލައިފަ އެވެ.