English Edition
Dhivehi Edition
ރޯމާ ކޮޅަށް ލަނޑުޖެހުމަށްފަހު ސެވިއްޔާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ސެވިއްޔާ

ޔުއެފާ ޔުރޮޕާ ލީގުގެ ގަދަ 16ގެ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ސެވިއްޔާ އާއި ވުލްވްސް އަދި ބަޔާ ލެވަކޫސަން އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޖަރުމަނުގައި ސެވިއްޔާ ކުޅުނު މެޗުން 2-0 އިން އިޓަލީގެ އޭއެސް ރޯމާ އަތުން މޮޅުވިއިރު، އަމިއްލަ ދަނޑުގައި ގްރީސްގެ އޮލިމްޕިއާކޯސް އަތުން ވުލްވްސް މޮޅުވީ 1-0 އިންނެވެ. އަމިއްލަ ދަނޑުގައި ސްކޮޓްލޭންޑްގެ ރޭންޖާސް އަތުން ލެވަކޫސަން މޮޅުވީ ވެސް 1-0 އިންނެވެ.

މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ރޯމާއާ ދެކޮޅަށް ޖަރުމަނުގެ ޑުއިސްބާގްގެ އެމްއެސްވީ އެރީނާގައި ރޭ ކުޅުނު މެޗުގައި ސެވިއްޔާ އިން ދެ ލަނޑުވެސް ޖެހީ ފުރަތަަމަ ހާފުގައެވެ. އެ ޓީމުގެ ފުރަތަަމަ ގޯލް، ސްޕެއިންގެ ޒުވާން ފުލްބެކް ސާޖިއޯ ރެގީލޯން ކާމިޔާބުކޮށްދިން އިރު، ފަހު ގޯލް ޖެހީ ޔޫސުފް އެން-ނަސްރީ އެވެ. ރޭގެ މެޗުގެ އިތުރު ވަގުތުގައި ސެވިއްޔާގެ ލޫކް ޑި ޔޯން އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރޯމާގެ ޖިއަންލޫކާ މަންޗިނީ އަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

ރޭގެ މެޗުގައި ވުލްވްސް އިން ކާމިޔާބުކުރި ލަނޑު، ޕެނަލްޓީ ސްޕޮޓްމަތިން ރައުލް ހިމެނޭޒް ފޮނުވާލަނީ. –ފޮޓޯ: ޔުރޮޕާ ލީގު ޓުވިޓާ

ވުލްވްސްގެ ދަނޑުގައި ރޭ އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ހަމައެކަނި ގޯލް، ފުރަތަަމަ ހާފުގެ ކުޅުން ފެށިގެން 8 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މެކްސިކޯގެ އިތުބާރު ފޯވާޑު ރައުލް ހިމެނޭޒްއެވެ. މިއީ އެ ޓީމުގެ ޑެނިއަލް ޕޮޑެންސް އަށް އޮލިމްޕިއާކޯސްގެ ގޯލް ކީޕަރު ބޮބީ އަލައިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެ ފަހުން، ފުރަތަމަ ހާފު ނިމުމުގެކުރީން އޮލިމްޕިއާކޯސްގެ މެޑީ ކަމާރާ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ގޯލު ބަަލައިނުގަންނަން ނިންމީ އޮލިމްޕިއާކޯސްގެ ކުޅުންތެރިއަކު އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

ދެވަނަ ހާފުގައި ވެސް ވުލްވްސްގެ ފޯވާޑް ލައިންގައި ހިމެނޭ ޑިއޯގޯ ޔޮޓާގެ އިތުރުން ހިމެނޭޒް އަށް އެ ޓީމުގެ ލީޑް ފުޅާ ކުރުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، މި ހާފުގައި އޮލިމްޕިއާކޯސް އަށް ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ރަނގަޅު ދެ ފުރުސަތުގައި ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށް ވީ ވުލްވްސްގެ ޕޯޗުގަލް ކީޕަރު ރުއީ ޕެޓްރީސިއޯ އެވެ. ރޭގެ މެޗު ކާމިޔާބުކުރި ވުލްވްސް ކުއާޓާ އަށް ދަތުރުކުރީ 2-1ގެ އެގްރިގޭޓުންނެވެ.

މިއީ 1972 ވަނަ އަހަރުގެ ފަހުން ޔޫރަޕްގެ މުބާރާތެއްގެ ކުއާޓާ ފައިނަލަށް ވުލްވްސް ދަތުރުކުރި ފުރަތަަމަ ފަހަރެވެ. އޭރު ޔުއެފާ ކަޕްގެ ނަމުގައި މި މުބާރާތް ކުޅުނުއިރު ކުއާޓާގައި ވުލްވްސް ބަލިވީ ޓޮޓެންހަމް ހޮޓްސްޕާ އަތުންނެވެ.

ބަޔާ ލެވަކޫސަންއާ ރޭންޖާސް ބައްދަލުކުރި މެޗުގެ ތެރެއިން. –ފޮޓޯ: ބަޔާ ލެވަކޫސަން ޓުވިޓާ

ލެވަކޫސަންގެ ބޭ އެރީނާގައި ރޭންޖާސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ މޫސާ ޑިއާބީ އެވެ. މީގެއިތުރުން، ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ޒުވާން މިޑްފީލްޑަރު ކާއީ ހާވާޓްޒް އަށް ވަނީ އެ ޓީމަށް ލީޑްނަގައިދިނުމަށް ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. ހާވާޓްޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. ރޭގެ މެޗާއެކު ލެވަކޫސަން އަށް ކުރި ލިބުނީ 4-1ގެ އެގްރިގޭޓުންނެވެ.

މިމުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގެ ނަތީޖާއަށް ބަލާއިރު، ސްވިޓްޒަލޭންޑްގެ ބަސެލް ވަނީ 1-0 އިން ޖަރުމަނުގެ އެއިންޓްރަކް ފްރޭންކްފާޓް ބަލިކޮށްފައެވެ. ރޭގެ މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ފަބިއެން ފްރެއި އެވެ. ރޭގެ މެޗު ކާމިޔާބުކުރި ބަސެލް ދެ މެޗުގެ އެގްރިގޭޓުން ކުރިހޯދީ 4-0 އިންނެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ދެން ކުރިއަށް އޮތް ހުރިހާ މެޗެއް ކުޅޭނީ ޖަރުމަނުގަ އެވެ. އެއީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން މެޗުތައް ކުޅެން ދަތިތަކެއް ހުރުމާ އެކު ސެންޓަރަލައިޒްކޮށް ހުރިހާ މެޗެއް ކުރިއަށްގެންދިއުމުގެ ގޮތުންނެވެ. މީގެއިތުރުން، މި އުސޫލުގެ ދަށުން ޔުއެފާ ޗެމްޕިއަންސްލީގުގެ މެޗުތައްވެސް ކުއާޓާ އިން ފެށިގެން ކުޅުމަށް ހަމަޖެހިފައިވަނީ ޕޯޗުގަލްގައެވެ.