އިޓަލީގެ މަޝްހޫރު ކްލަބެއް ކަމަށްވާ އޭއެސް ރޯމާ، އެމެރިކާގެ މަހުޖަނެއް ކަމަށްވާ ޑޭން ފްރައިޑްކިން އަށް ވިއްކާލަން އެ ކްލަބުގެ މިހާރުގެ މެނޭޖްމަންޓުން އެއްބަސްވެއްޖެކަމަށް އެންމެފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅު ރޯމާ އިން ފްރައިޑްކިން ގްރޫޕްއާއެކު އެ ކްލަބު ވިއްކާލުމަށްޓަކައި މަޝްވަރާތައް ފަށާފައިވާއިރު، ދެ ފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވުނުކަން ރޯމާގެ މިހާރުގެ ރައީސް ޖޭމްސް ޕަލޯޓާ ވަނީ އިއްޔެގެ ވަގުތެއްގައި ހާމަކޮށްފައެވެ. އަދި އޭގެފަހުން، ރޯމާގެ ރަސްމީ ވެބްސައިޓުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ކްލަބު ވިއްކާލުމާ ގުޅޭ އެއްބަސްވުމުގެ ހުރިހާ ކަންތައްތަކެއް މި އޯގަސްޓްމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ.
ފްރައިޑްކިން އަކީ އެމެރިކާއަށް ވެހިކަލް ޑިސްޓްރިބިޔުޓް ކުރާ ގަލްފް ސްޓޭޓްސް ޓޮޔޯޓާގެ އޯނަރެވެ. އަދި ފްރައިޑްކިން ގްރޫޕަކީ މުނިފޫހިފިލުވުމުގެ ދާއިރާ އާއި ލަގްޒަރީ ރިޒޯޓް ވިޔަފާރީގައިވެސް އިންވެސްޓްކުރަމުން އަންނަ ފަރާތެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ޓެކްސަސް އަށް ނިސްބަތްވާ ފްރައިޑްކިން ވަނީ ކުލަބުގެ 86.6 އިންސައްތަ ހިއްސާ ގަތުމަށް މިހާރުގެ މެޖޯރިޓީ ހިއްސާދާރު އަދި ރައީސް ޕަލޯޓާ އާއެކު އެއްބަސްވެފައެވެ. އަދި މި މުއާމަލާތުގެ އަގު 591 މިލިއަން ޔޫރޯ އަށް އަރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މި ޑީލާ ގުޅޭގޮތުން، ފްރައިޑްކިންގެ ޗެއާމަން އަދި ސީއީއޯ ޑޭން ފްރައިޑްކިން ބުނީ ރޯމް ކަހަލަ ހައިބަތު ހުރި ސިޓީއެއްގެ ވަރުގަދަ ކްލަބެއްގައި ބައިވެރިވެވުމަކީ ފްރައިޑްކިން ގްރޫޕަށް ވަރަށް ހާއްސަ އުފަލެއް ލިބިފައިވާ ކަމެއް ކަމަށެވެ. އަދި މި ޑީލްގެ ހުރިހާ ކަމެއް ނިމި ރޯމާ އާއެކު ރަސްމީކޮށް މަސައްކަތްތައް ފެށޭނެ ދުވަހަކަށް ކެތްމަދުވެފައިވާ ކަމަށް ވެސް ޑޭން ބުންޏެވެ.
އިޓަލިއަން ލީގުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ރޯމާއަށް 2001 ވަނަ އަހަރުގެ ފަހުން ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. އަދި މި ފަހަރުގެ ސީޒަނުގައި ލީގުގެ ފަސްވަނައިގައި އޮވެގެން ނިންމާލިއިރު، ޔޫރަޕްގެ ދެވަނަ ފަންތީގެ ކްލަބު މުބާރާތް ކަމަށްވާ ޔުއެފާ ޔުރޮޕާ ލީގުގެ ގަދަ 16ގެ ބުރަށް އެ ޓީމު ވަނީ ދަތުރުކޮށްފައެވެ.
Official statement regarding the ownership of AS Roma.
Full story ➡️ https://t.co/klCQq76tbB pic.twitter.com/F15rSXTdt1
— AS Roma English (@ASRomaEN) August 6, 2020