English Edition
Dhivehi Edition
އިންޓަ މިލާނުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ. --ފޮޓޯ: އޭޕީ

ޔުއެފާ ޔުރޮޕާ ލީގުގެ ގަދަ 16ގެ ބުރުގައި މިރޭ ގެޓަފޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރީން އިންޓަ މިލާނުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެ ޓީމަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެގޮތުން، އިންޓަގެ ކޯޗު ކޮންޓޭ ބުނީ ސްޕެއިނުގެ ގެޓަފޭއާ ދެކޮޅަށް ކުޅެން އުނދަގޫވާނެ ކަމަށާއި، ހާއްސަކޮށް މި މެޗަކީ ރީތި މެޗަކަށް ނުވާނެ ކަމަށެވެ.

“ޔޫރަޕްގެ މުބާރާތަށް އަހަރެމެން މިއޮތީ ރަނގަޅަށް ތައްޔާރުވެގެން، އެކަމަކު މި މެޗަކީ އުނދަގޫވާނެ މެޗެއް. ހާއްސަކޮށް މި މެޗުގައި ރީތި ކުޅުމެއް ފެންނާނެކަމަށް ނުބެލެވޭ.” ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ އޭނާގެ ޓީމުން ގެޓަފޭގެ ކުޅުން ވަރަށް ރަނގަޅަށް ދަސްކުރެވިއްޖެކަމަށާއި، ތަފާތު މޮޅު ނަތީޖާތަކެއް އެމީހުން ނެރެފައިވާ ކަމަށެވެ. އިދިކޮޅު ޓީމަށް އުނދަގޫތައް ކުރިމަތިކޮށްފައިވާކަމަށާއި، ގެޓަފޭ އަކީ ދިގު ޕާސްތަކެއް ޖަހައިގެން ކުޅޭ ޓީމެއް ކަމަށާއި، އިދިކޮޅު ޓީމު އަތުން ބޯޅަ ހޯދުމަށް ވަރަށް ވަރުގަދަ އަށް މަސައްކަތްކުރާ ޓީމަކަށްވުމުގެ އިތުރުން އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ ބިޔަ ކުޅުންތެރިންގެ ފަރާތުން ވެސް ޑިފެންސަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށް ވެސް ކޮންޓޭ ފާހަގަކުރިއެވެ.

“އަހަރެމެންނަށް ގެޓަފޭގެ ކުޅުން ވަރަށް ރަނގަޅަށް ދަސްކުރެވިއްޖެ. ދިގު ޕާސްތަކެއް ޖަހައިގެން ކުޅޭ މި ޓީމު އަތުން މޮޅުވެ އަނެއް ބުރަށް ދިއުމަށްޓަކައި އަހަރެމެން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ.” ކޮންޓޭ ބުންޏެވެ.

މި ފަހަރުގެ ސީޒަނުގައި އިޓާލިއަން ލީގުގެ ދެވަނައިގައި އޮވެ ނިންމާލި އިންޓަ މިވަގުތު އޮތީ ރަނގަޅު ފޯމެއްގައެވެ. ގެޓަފޭ އިން ސްޕެނިޝް ލީގު ނިންމާލީ ތާވަލްގެ 8 ވަނައިގައި އޮވެގެންނެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 00:00 ގައެވެ.