English Edition
Dhivehi Edition

މާލެ ސަރަޙައްދުގައި ރޭގަނޑު 10:00 އިން 05:00 އަށް މީހުން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވީ ނަމަވެސް، ފަތިން ނަމާދަށް މިސްކިތަށް ދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައި އެޗްޕީއޭ އިން މިރޭ ނެރުނު އެންގުމުގައި އެ ފިޔަވަޅުތަކުން އިސްތިސްނާވާ ފަރާތްތަކުގެ ލިސްޓުގައި ފަތިން ނަމާދަށް މިސްކިތަށް ދާ ފަރާތްތަށް ވަނީ ހިމަނައިފަ އެވެ. އެ ފިޔަވަޅުތަކުން އިސްތިސްނާވެގެންވާ ފަރާތްތަކުގެ ލިސްޓުގައި ދެން ހިމެނެނީ ސިފައިންނާއި ފުލުހުން، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު އަދި އެމްބިއުލާންސް އާއި އެޗްޕީއޭގެ ފާސް ލިބިފައިވާ ފަރާތްތަކާއި، އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތަކެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން އެމީހެއްގެ ދިރިއުޅުމުގެ ކަންކަން މާލެ ފިޔަވައި އެހެން ރަށެއްގައި ހަމަޖެހިފައިވާނަމަ، އެމީހަކަށް ކަރަންޓީނުވާ ގޮތަށް ރަށަށް ދެވޭނެ އެވެ.

މާލެ ސަރަޙައްދުގައި ރޭގަނޑު 10:00 އިން ފަތިހު 05:00 އަށް ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާއިރު، އެ ވަގުތަކުގައި ހޮޓާ ކެފޭ އަދި ރެސްޓޯރަންޓްތަކުންވެސް ޚިދުމަތް ދިނުން ވަނީ މަނާކޮށްފަ އެވެ. އަދި މާލެ ސަރަޙައްދުގައި އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އާއި އާންމު ތަންތަނުގައި އެއްވެ އުޅުން ހުއްޓައިލުމަށްވެސް ވަނީ އަންގައިފަ އެވެ.