ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި، މިރެއިން ފެށިގެން ކޮންމެ ރެއަކު 10:00 އިން ފަތިހު 05:00 އާއި ދެމެދު މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފި އެވެ.
އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ބުނެފައި ވަނީ މާލެ ސަރަޙައްދުގައި ހިންގާ ހޮޓާ ކެފޭ ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަންވެސް އެ ވަގުތުތަކުގައި ބަންދުކުރުމަށް އަންގައިފަ އެވެ. އަދި މާލެ ސަރަޙައްދުގައި އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އާއި އާންމު ތަންތަނުގައި އެއްވެ އުޅުން ހުއްޓައިލުމަށްވެސް ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ވަނީ މާލެ ސަރަޙައްދުގައި ގިނަ މީހުން އެއްވެގެން ކުޅިވަރުތައް ކުޅެ، ޙަފްލާތަކާއި ޕާޓީތަކާއި އެއްވުންތައް އަދި ޓީމު ހަދައިގެން ކުޅޭ ކުޅިވަރުތައް ބޭއްވުން ހުއްޓާލުމަށްވެސް އަންގައިފަ އެވެ.
އަދި ޞިއްޙީ ބޭނުންތަކާއި ޒަރޫރީ ބޭނުންތަކަށް ރަށްރަށުން މާލެއަށް އައިސްފައިވާ މީހުން ފިޔަވައި އެހެން މީހުން މާލެއިން އެހެން ރަށްރަށަށް ދިއުން ހުއްޓާލުމަށް އަންގާފައިވާއިރު، މާލެ އާއި ހުޅުމާލެ އާއި ވިލިމާލެއަށް އެރުމުގައި މާލެ ސިޓީ ކައުންސިލުން ކަނޑައަޅާ ސަރަޙައްދުތަކުން ފިޔަވައި އެހެނިހެން ސަރަޙައްދުތައް ބޭނުންކުރުންވެސް ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ވަނީ ރާއްޖޭގެ އެތެރޭގައި ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާ ފަރާތްތައް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޢަމަލު ކުރުމާއި، ހުރިހާ ވަގުތެއްގައިވެސް މާސްކު އެޅުމަށް އަންގައިފަ އެވެ. އަދި ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ގޭގެއަށް ޒިޔާރަތްކުރުން ހުއްޓާލުމަށްވެސް ވަނީ އަންގައިފަ އެވެ.
އަދި އޮފީސްތަކުން ބާއްވަން ޖެހޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމާއި، އޮފީހަށް ހާޒިރުވެގެން ކޮންމެހެން ބާއްވަން ޖެހޭ ފަދަ ބައްދަލުވުންތައް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ބޭއްވުމަށްވެސް އެ އެޖެންސީން ވަނީ އަންގައިފަ އެވެ.
އެޗްޕީއޭ އިން މި ޚާއްސަ ފިޔަވަޅުތައް އެޅުމަށް ނިންމާފައި މިވަނީ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއި ގުޅިގެންނެވެ.