English Edition
Dhivehi Edition
ސީއެސްސީގެ މިހާރު ހުރި ހަމައެކަނި މެންބަރު، ފާތިމަތު އާމިރާ - ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މި ހަފްތާގެ ޖަލްސާތައް ކެންސަލް ކުރި ނަމަވެސް، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް އެދޭ ފަރާތްތަކުގެ ފޯމުތައް ބަލައިގަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުގެ އިދާރާއިން މިރޭ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ސިވިލް ސަރވިސް ކޮމިޝަންގެ ހަތަރު މެންބަރުންގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ހުށަހެޅުން، އޮގަސްޓަ 06 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސީއެސްސީގެ މެންބަރުކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، އޮގަސްޓް 06 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤުރާރު މަޖިލީހަށް އިދާރާއަށް ހުށަހެޅުމަށްވެސް އެ އިދާރާއިން ވަނީ އެދިފައެވެ.

ސީއެސްސީގެ މެންބަރުކަމުގެ މަޤާމު ހުސްވެފައި ވަނީ އެ ކޮމިޝަންގެ ރައީސް، ޑރ. އަލީ ޝަމީމާއި ނައިބު ރައީސް، ޝަހީދު މުޙައްމަދާއި އެ ކޮމިޝަންގެ މެންބަރު ޒަކަރިއްޔާ ހުސައިން މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. މީގެ އިތުރުން އެ ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަޙީޤް މެންބަރުކަމުން ވަކިކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ސީއެސްސީގެ މެންބަރުކަމުގައި މިހާރު ހުންނެވި ހަމައެކަނި ބޭފުޅަކީ ފާތިމަތު އާމިރާ އެވެ.

ސީއެސްސީގެ މެންބަރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުމާއި، މުސްލިމަކު ކަމުގައިވުމާއި، ބުއްދި ސަލާމަތުން ހުރުމާއި، ޢުމުރުން 30 އަހަރު ވެފައިވުން އަދި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އެއްވެސް އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން އަދި ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކުރުމަށްފަހު، ސަރުކާރުގައި ނުވަތަ ސަރުކާރުނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ޚިދުމަތްކޮށްފައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.