English Edition
Dhivehi Edition
ބަޔާ ލެވަކޫސަން އަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ކާއީ ހާވާޓްޒް. --ފޮޓޯ: ގެޓީ އިމޭޖަސް

ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށް ކުޅެމުން އަންނަ އުއްމީދީ މިޑްފީލްޑަރު ކާއީ ހާވާޓްޒްގެ ސޮއި ހޯދުމަށްޓަކައި ޗެލްސީއާ ވާދަނުކުރެވޭނެކަމަށް ބަޔާން މިއުނިކްގެ ރައީސް އުލީ ހޮއެނެސް ވިދާޅުވެއްޖެއެވެ.

މީގެކުރީން، ބަޔާންގެ ރައީސް ހޮއެނެސް ވަނީ ހާވާޓްޒް ގެނެވޭނެކަމުގެ ފުރުޞަތު ބޮޑުކަމަށާއި، އެ ކްލަބުގެ ސްޓައިލަށް ފެތޭނެ ކުޅުންތެރިއެއް ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މިހާރު ކްލަބުތަކުގެ މާލީ ހާލަތު އޮތް ގޮތަށް ބަލާއިރު، ބަޔާނަށް އެކަން ކުރެވޭކަށް ނެތް ކަމަށް ހޮއެނެސް ވިދާޅުވިއެވެ.

“ސާނޭގެ އިތުރުން ދެން އަންނަ ސީޒަނަށް އިތުރު ކުޅުންތެރިއަކު ގެނެވޭނެކަމަށް ނުބެލެވޭ. މިއީ އެއްގޮތަކަށް ވެސް ހާވާޓްޒްގެ ފެންވަރު ނެތިގެން ނުވަތަ މި ކްލަބުން ބޭނުންނުވެގެން ނޫން. އޭނާ އަކީ ވަރަށް މޮޅު ހުނަރުން ފުރިފައިވާ ކުޅުންތެރިއެއް،”

“ކޮވިޑް-19ގެ ސަބަބުން އިތުރަށް 70، 80 މިލިއަން ހޭދަކުރެވޭނެ ކަމުގެ ގާބިލްކަމެއް އަހަރެމެންގެ ނެތް. ކުޅުންތެރިން ވިއްކައިގެން މެނުވީ އިތުރު ކުޅުންތެރިއަކު ނުހޯދޭނެ.” ހޮއެނެސް ވިދާޅުވިއެވެ.

މީގެއިތުރުން، ދާދިފަހުން ލެވަކޫސަންގެ މެނޭޖިންގ ޑިރެކްޓަރ ސްޕޯޓްސް ރުޑީ ވޮލާ ވަނީ ހާވާޓްޒް ވިއްކާލަން ވަކި އަގެއް ކަނޑައަޅާފައިވާ ކަމަށާއި، 80 މިލިއަން ޔޫރޯ އަށް ވުރެ އަގު ކުޑަނުކުރާނެ ކަމަށް ބުނެފައެވެ. އަދި މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ސަބަބުން ހާއްސަ ޑިސްކައުންޓެއް ނުލިބެނޭ ކަމަށް ވެސް ވޮލާ ބުންޏެވެ.

ބަޔާނުން ވަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން މެންޗެސްޓާ ސިޓީގެ ލެރޯއީ ސާނޭ އާއި ޝާލްކޭގެ ޖަރުމަން ކީޕަރު އަލެގްޒެންޑާ ނޫބެލްގެ އިތުރުން ޕީއެސްޖީގެ ޒުވާން ޑިފެންޑަރު ޓެންގީ ނިއަންޒޫ ގެނެސްފައެވެ.