English Edition
Dhivehi Edition
ބަޔާ ލެވަކޫސަން އަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ކާއީ ހާވާޓްޒް. --ފޮޓޯ: ގެޓީ އިމޭޖަސް

އިންގްލެންޑްގެ ޗެލްސީން ގެންދަން މަސައްކަތްކުރާ ޖަރުމަނުގެ ޒުވާން މިޑްފީލްޑަރު ކާއީ ހާވާޓްޒް ވިއްކާލާ އަގު ކުޑަނުކުރާނެކަމަށް އޭނާގެ ކްލަބު ބަޔާ ލެވަކޫސަނުން ބުނެފިއެވެ.

އެގޮތުން، ލެވަކޫސަންގެ މެނޭޖިންގ ޑިރެކްޓަރ ސްޕޯޓްސް ރުޑީ ވޮލާ ބުނީ ހާވާޓްޒް ވިއްކާލަން ވަކި އަގެއް ކަނޑައަޅާފައިވާ ކަމަށާއި، 80 މިލިއަން ޔޫރޯ އަށް ވުރެ އަގު ކުޑަނުކުރާނެ ކަމަށެވެ. އަދި މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ސަބަބުން ޑިސްކައުންޓެއް ނުލިބެނޭ ކަމަށް ވެސް ވޮލާ ބުންޏެވެ.

“ކޮރޯނާގެ ސަބަބުން ހާވާޓްޒްގެ އަގަށް ބަދަލެއް ނާންނާނެ. މިއީ ވަރަށް ހާއްސަ ޓްރާންސްފާ ވިންޑޯއަކަށްވުމުން ވަކި ކުޅުންތެރިއެއްގެ އަގަކަށް ވެސް ބަދަލެއް ނާންނާނެ.” ކިކާ އަށް ދިން އިންޓަވިއުއެއްގައި ވޮލާ ބުންޏެވެ.

މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އުމުރުން 21 އަހަރުގެ ހާވާޓްޒް އަކީ މިޑްފީލްޑްގެ އިތުރުން ފޯވާޑްލައިންގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ފެންވަރު ކުޅުންތެރިއެކެވެ. ލެވަކޫސަން އާއެކު ހާވާޓްޒް ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އަންނަނީ އޭނާ އަށް ފާރަލަމުންނެވެ. އެކަމަކު، ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހާވާޓްޒް ބަދަލުވުން އެންމެ ގާތީ ޗެލްސީ އަށެވެ.

އެހެންނަމަވެސް، މިހާތަނަށްއައިއިރު ޗެލްސީ އާއި ލެވަކޫސަނުން ރަސްމީކޮށް އެއްބަސްވުމަކަށް އައިސްފައިނުވާއިރު، ކުރިއަށް އޮތް ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުގައި ވެސް ހާވާޓްޒް ކުޅެނޭ ކަން ލެވަކޫސަނުން ވަނީ ޔަގީންކޮށްދީފައެވެ.

ޖަރުމަނުގެ ގައުމީ ޓީމުން މިހާރު ގަވާއިދުން ޖާގަ ހޯދަމުން އަންނަ ހާވާޓްޒް ވަނީ ލެވަކޫސަންގެ ސީނިއާ ޓީމަށް މިހާތަނަށް ކުޅެދިން 148 މެޗުގައި 45 ގޯލްޖަހައި، އިތުރު 31 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. މީގެއިތުރުން، ގައުމީ ޖާޒީގައި އޭނާ މިހާތަނަށް ކުޅުނު ހަތް މެޗުގައި އެއް ލަނޑުޖަހާފައިވެއެވެ.