އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ޗެމްޕިއަން ޔުވެންޓަސް ބަލިވިއިރު، ލާޒިއޯ އާއި އޭއެސް ރޯމާ އަދި އޭސީ މިލާން މޮޅުވެއްޖެއެވެ.
ކަލިއާރީ އަތުން ރަށުން ބޭރުގައި 2-0 އިން ޔުވެންޓަސް ބަލިވިއިރު، އަމިއްލަ ދަނޑުގައި ބްރެޝިއާ އަތުން ލާޒިއޯ މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ. ޓޮރީނޯ އަތުން ރަށުން ބޭރުގައި 3-2 އިން ރޯމާ މޮޅުވިއިރު، މިލާން ވަނީ 4-1 އިން ސަމްޕްޑޯރިއާ ބަލިކޮށްފައެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވި ކަލިއާރީ އަށް ހަ މެޗަށްފަހު މޮޅެއް ހޯދުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ޗެމްޕިއަން ޔުވެންޓަސް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވި ދެވަނަ މެޗެވެ. ދެ މެޗުން އެއްވަރުވިއިރު، މޮޅުވެފައިވަނީ ވެސް ދެ މެޗުންނެވެ.
ރޭގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އުޅޭ ޔުވެންޓަސް އަށް 37 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އަންގާރަ ދުވަހުގެ ރޭ ނަޕޯލީ އަތުން 2-0 އިން މޮޅުވި އިންޓަ މިލާނެވެ. ތިންވަނައިގައި އޮތް އެޓަލާންޓާ އާއި ހަތަރުވަނައިގައި އޮތް ލާޒިއޯ އަށް ލިބިފައިވަނީ 78 ޕޮއިންޓެވެ. އެޓަލާންޓާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ފަސްވަނައިގައި 67 ޕޮއިންޓާއެކު އޮތް ރޯމާ އަށް ޔުއެފާ ޔުރޮޕާ ލީގުގެ ޖާގަ ލިބުނުއިރު، އޭގެ ހަތަރު ޕޮއިންޓް ފަހަތުން ހަވަނައިގައި އޮތް މިލާން ވަނީ ޔުރޮޕާ ލީގުގެ ކޮލިފައިން ބުރަށް ހޮވިފައެވެ. އަދި ލީގުގެ ހަތްވަނައިގައި 59 ޕޮއިންޓާއެކު އޮތް ނަޕޯލީ ވަނީ އިޓާލިއަން ކަޕް ކާމިޔާބުކުރުމުން ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައެވެ.
ޔުވެންޓަސް އިން ރޭގެ މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން ސަމްޕްޑޯރިއާ އަތުން 2-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން، އެ މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ މި މެޗުގައި ނުކުޅޭއިރު، އާއްމުކޮށް އެ ޓީމުގެ ގޯލް ބަލަހައްޓަމުން އަންނަ ޕޯލެންޑްގެ ވޮޝިއެކް ޝެޒްނީގެ ބަދަލުގައި ރޭގެ މެޗުގައި ގޯލް ބެލެހެއްޓީ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އެވެ.
ކަލިއާރީގެ ސަރްޑޭނާ އެރީނާގައި ރޭ ކުޅުނު މެޗުގައި ހީކުރިގޮތާ ހިލާފަށް މެޗު ފެށިގެން 8 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ ޒުވާން ފޯވާޑް ލޫކާ ގަލިއާނޯ އެވެ. މިއީ އެ ޓީމުގެ ފެޑެރީކޯ މަޓިއެލޯ ދިން ޕާހަކުން ގަލިއާނޯ ކާމިޔާބުކުރި ގޯލެކެވެ. އަދި މިއީ އުމުރުން 20 އަހަރުގެ ގަލިއާނޯ އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
މި ހާފުގައި ޔުވެންޓަސްގެ ގޮންޒާލޯ ހިގުއައިން އާއި ކެޕްޓަން ބޮނޫޗީގެ އިތުރުން ހުއާން ކުއަޑްރާޑޯ އަދި ރޮޑްރިގޯ ބެންޓަންކޫރް އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، އެ ޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މިރަލެމް ޕިޔަނިޗް ފޮނުވާލި ހިލޭޖެހުމުން ވެސް ގޯލެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ.
ރޭގެ މެޗުގައި ކަލިއާރީ އިން ޖެހި ދެވަނަ ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކޮށްދިނީ ޖިއޮވާނީ ސިމިއޯނީ އެވެ. އަދި ދެވަނަ ހާފުގައި ޔުވެންޓަސްގެ ހިގުއައިން އާއި އަލެކްސް ސެންޑްރޯގެ އިތުރުން ރޮނާލްޑޯ ފޮނުވާލި ހަމަލާތައް ކަލިއާރީގެ ކީޕަރު އަލެސިއޯ ކްރެނިއޯ މަތަކުރިއެވެ. މި މެޗުގައި ގޯލެއް ކާމިޔާބުކުރެވޭ ގޮތްނުވުމުން ޔޫރަޕްގެ ރަންބޫޓް ހޯދުމަށް ރޮނާލްޑޯ ދެކެމުން އަންނަ ހުވަފެންތައް ވަނީ ފަނޑުވެފައެވެ. މިހާރު އުމުރުން 35 އަހަރުގެ ރޮނާލްޑޯ ވަނީ ލީގުގައި މިހާތަނަށް 31 ގޯލް ޖަހާފައެވެ.
މިއާއެކު ލީގުގައި ރޭ ބްރެޝިއާ އަތުން 2-0 އިން މޮޅުވި މެޗުގައި ޖެހި ގޯލާއެކު އިޓަލީގެ ފޯވާޑް ޗީރޯ އިމޯބިލޭ ވަނީ ޔޫރަޕުގެ ރަންބޫޓް ހޯދުމުގެ ރޭހުގައި ރޮނާލްޑޯއާ ފެއަށް ޖެހިލައި، 35 ގޯލާ ހަމަކޮށް ލަނޑު ލިސްޓުގެ އެންމެ ކުރިއަށް ޖެހިލާފައެވެ. ޔޫރަޕްގެ ލީގުތަކުގައި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާ އަށް ދޭ މި އެވޯޑް ހޯދުމުގެ ރޭހުގައި ރޭގެ މެޗާ ހަމައަށް ކުރީގައި އޮތީ 34 ލަނޑާއެކު ބަޔާން މިއުނިކްގެ ޕޯލެންޑް ރޮބަޓް ލެވަންޑޯސްކީ އެވެ. ނަމަވެސް، ޖަރުމަން ލީގު ނިމިފައިވާތީވެ ލެވޮންޑޮސްކީ އަށް ދެން ވާދަކުރެވޭނެ ގޮތެއް ނެތެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރަށުން ބޭރުގައި ޓޮރީނޯ އަތުން 3-2 އިން ރޯމާ މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ކެޕްޓަން އެޑިން ޖެކޯ އާއި ކްރިސް ސްމޯލިން އަދި އަމަޑޫ ޑިއަވާރާ އެވެ. މިލާނުން ރޭ 4-1 އިން ސަމްޕްޑޯރިއާ ބަލިކުރިއިރު، އެ ޓީމުގެ ސްވިޑެން ފޯވާޑް ޒްލަޓަން އިބްރާހިމޮވިޗް ދެލަނޑުޖެހިއެވެ. އަނެއް ދެލަނޑުޖަހައިދިނީ ހަކާން ޗާހަނޮގްލޫ އާއި ރަފެއަލް ލެއާއޯ އެވެ.
މި މުބާރާތުގައި އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗުތަކަށް ބަލާއިރު، ޔުވެންޓަސްއާ ރޯމާ ބައްދަލުކުރާ މެޗުގެ އިތުރުން އެޓަލާންޓާއާ އިންޓަ ކުޅޭ މެޗާއި، ނަޕޯލީއާ ދެކޮޅަށް ލާޒިއޯ ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ. މި ތިން މެޗު ވެސް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 23:45 ގައެވެ.