English Edition
Dhivehi Edition

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބަރގެ ޚިދުމަތް ރ. މަޑުއްވަރީގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ދިރާގުން ރ. މަޑުއްވަރި އަށް މި ޚިދުމަތް ތައާރަފުކޮށްފައިވަނީ ޑިޖިޓަލް ޓެކްނޮލޮނީ ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދުވަސްވަރެއްގައި އަދި ވަކިން ޚާއްސަކޮށް އިންޓަނެޓަށް ނުހަނު ބޮޑަށް ބަރޯސާވާން ޖެހިފައިވާ ދުވަސްކޮޅެއްގައެވެ. އެއީ ރިމޯޓްކޮށް ކިޔުވުން ކަމުގައި ވިޔަސް ނުވަތަ މަސައްކަތް ކުރުން ކަމުގައި ވީނަމަވެސް ނޫނީ އާއިލާ އާއި ގާތް ރައްޓެހިންގެ ހާލު ބަލާލަން ވީނަމަވެސް ހައި ސްޕީޑް އިންޓަނެޓަކީ މިހާރު އެންމެ މުހިންމު ވަސީލަތައް ވަނީ ވެފައިއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ހިމެނެއެވެ. ދިރާގުން ބުނީ މިއީ ވީހާވެސް ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ވީހާވެސް ގިނަ ޕެކޭޖްތަކުން އިހްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތުން ފޯރުކޮށްދެއެވެ. މިހާރު ރ. މަޑުއްވަރީގެ ކަސްޓަމަރުންނަށްވެސް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ހުރިހާ ޕްކޭޖެއް ތަޖުރިބާ ކޮށްލެވޭނެއެވެ.

ދިރާގު ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި ދިރާގު ފައިބަރ ނެޓްވޯކް ފުޅާކޮށް ވީހާވެސް ގިނަ ރަށްތަކަށް މި ޚިދުމަތް ފޯރުކޮށްދެވިގެން ދިޔުމަކީ ވަރަށް އުފާ ކުރާ ކަމެއް ކަމަށާއި، ދިރާގުގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދީ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ބޭނުންކުރެވޭނެ ގޮތްތައް ފަހިކޮށްދިނުން ކަމަށެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 75 އިންސައްތައަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ. މީގެ ތެރޭގައި 61 ރަށް ހިމެނެއެވެ.