English Edition
Dhivehi Edition
ދިރާގު ހެޑް އޮފީސް - ފޮޓޯ: ގެޑޯރ ކޮންސަލްޓިންގ

ދިރާގުން އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 2.07 ރުފިޔާ ބަހަން ނިންމައިފި އެވެ.

ދިރާގުން ބުނީ ކޮވިޑް-19 ،ގެ ސަބަބުން އެ ކުންފުނިން ހާސިލްކުރެވުނު މާލީ ނަތީޖާއަށް ފާހަގަކުރެވޭ ވަރުގެ ބޮޑު އަސަރެއްކޮށްފައިވާ ކަމަށާއި، އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ޤައުމުގެ އިޤްތިޞާދަށް ކޮށްފައިވާ އަސަރުގެ ސަބަބުން 2020 ވަނަ އަހަރުގެ 1 ވަނަ ކުއާޓަރއާއި އަޅާބަލާއިރު، ކުންފުނީގެ ޖުމްލަ އާމްދަނީ %25 އިން ދަށަށް ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ކުންފުނީގެ ވިޔަފާރީގެ މުހިންމު ހުރިހާ ދާއިރާއަކުންވެސް ލިބުނު ފައިދާ ޖުމްލަ ގޮތެއްގައި ދަށަށް ގޮސްފައިވާއިރު، އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މި އަހަރުގެ 2 ވަނަ ކުއާޓަރގައި ބައިނަލްއަޤްވާމީ ބޯޑަރތައް ބަންދުކުރުމާއި ފަތުރުވެރިކަން ހުއްޓުމަކަށް އައުމުގެ ސަބަބުންކަން ފާހަގަކުރެވިފައިވާ ކަމަށް ދިރާގުން ބުނެއެވެ. އަދި ކުންފުނީގެ ސާފު ފައިދާ %49 އިން ދަށްވެފައިވާއިރު އާމްދަނީ އިން ހިއްސާއަކަށް ޖެހޭ މިންވަރު ވަނީ ފާއިތުވި ކުއާޓަރއާ އަޅާބަލާއިރު %50 ދަށްވެފައިވާ ކަމަށް ދިރާގުން ބުނެފައި ވެއެވެ.

ދިރާގުން އިތުރަށް ބުނެފައި ވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މަސައްކަތްކުރަނީ ހަމަހަމަ ގޮތެއްގައި ދުރު މުސްތަޤުބަލްގެ އިންވެސްމެންޓްތައް ރާވައި ކުންފުނީގެ މާލީ ހާލަތު ވަރުގަދަ ކޮށް، މާކެޓްގައި ދިމާވާ މިފަދަ ގޮންޖެހުންތައް ގިނަ ދަނޑިވަޅުތަކުގައިވެސް ކުންފުނީގެ ހިއްސާދާރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ހޯދައިދެވޭނެ ގޮތްތައް ހޯދުމަށް ކަމަށެވެ.

އެގޮތުން، ހުރިހާ ކަމަކަށް ރިއާޔަތްކުރުމަށްފަހު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 2020 ވަނަ އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 2.07 ރުފިޔާ ކަނޑައަޅައި، ޖުމުލަ 157،320،000ރ. އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބަހަން ނިންމައި، 11 އޯގަސްޓް 2020 ވަނަ ދުވަހުގެ ހަވީރު 4:00 އާހަމައަށް ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް މި އިންޓަރިމް ޑިވިޑެންޑް ބެހުމަށް ނިންމާފައިވާ ކަމަށް ދިރާގުން ބުނެއެވެ.