English Edition
Dhivehi Edition
އުދިނޭޒީއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޔުވެންޓަސް.ކޮމް

އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގެ އެންމެ ފަހު ވަގުތު ހައިރާންކުރަނިވި ގޮތަކަށް އުދިނޭޒީ އަތުން ބަލިވެ، ލީގު ތައްޓަށް ޔުވެންޓަސް އިން އިތުރު އިންތިޒާރެއް ކުރަންޖެހިއްޖެއެވެ. މި މެޗުން ޔުވެންޓަސް ބަލިވީ 2-1 އިންނެވެ.

މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އުދިނޭޒީގެ ދަނޑުގައި ޔުވެންޓަސް އަތުން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. މިއާއެކު އެ ޓީމު ވަނީ މިހާތަނަށް ކުޅުނު 35 މެޗުން 39 ޕޮއިންޓް ހަމަކޮށް، ރެލިގޭޝަނާ ދުރަށް ޖެހިލާފައެވެ.

ރޭގެ ނަތީޖާއާއެކު ޔުވެންޓަސް އަށް ލީގުގައި މިހާތަނަށް ކުޅުނު 35 މެޗުން ލިބިފައިވަނީ 80 ޕޮއިންޓެވެ. އޭގެ ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެޓަލާންޓާ އެވެ. ތިންވަނައިގައި އޮތް އިންޓަ މިލާނަށް 73 ޕޮއިންޓް ލިބިފައިވާއިރު، ދުވަސްތަކެއް ވަންދެން ދެވަނަ މަގާމުގައި އޮތް ލާޒިއޯ މިހާރު އޮތީ 72 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

އުދިނޭޒީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ބޮޑުބައި ޔުވެންޓަސް އިން ޑޮމިނޭޓްކޮށްފައިވާއިރު، އެ ޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭނުންހިފޭގޮތެއްނުވިއެވެ. އެ ޓީމުން ލީޑްނެގީ މި ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް، ޕެނަލްޓީއޭރިޔާ ބޭރުން ނެދަލެންޑްސް ޑިފެންޑަރު މަތައިސް ޑި ލިޓް ކާމިޔާބުކުރި ގޯލުންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތްވަނަ މިނެޓުގައި އުދިނޭޒީގެ އިލިޔާ ނެސްޓޮރޮވްސްކީ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ޔުވެންޓަސްގެ ޑިފެންސްލައިންގެ ކައިރިން ވަރަށް ފަސޭހަކަމާއެކު ދެމިގަތުމަށްފަހު ސެކޯ ފޮފާނާ ވަނީ އުދިނޭޒީ އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ އެ ޓީމު އެންމެ ފަހުވަގުތު ބަލިވީ ކޮންމެ ހާލެއްގައިވެސް ތިން ޕޮއިންޓް ހޯދަން ކެނޑިނޭޅި ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސަމްޕްޑޯރިއާ އަތުން ރަށުން ބޭރުގައި ޖެނޯއާ 2-1 އިން މޮޅުވިއިރު، އަމިއްލަ ދަނޑުގައި ކަލިއާރީ އަތުން ލާޒިއޯ މޮޅުވީވެސް ހަމަ މިނަތީޖާއިންނެވެ. ރޭގެ މެޗުގައި ލާޒިއޯގެ ލަނޑުތައް ޖަހައިދިނީ ސަރްގެއި މިލިންކޮވިޗް-ސަވިޗް އާއި ޗީރޯ އިމޯބިލޭ އެވެ. ކަލިއާރީގެ ހަމައެކަނި ލަނޑުޖަހައިދިނީ ޖިއޮވާނީ ސިމިއޯނީ އެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ތާވަލްގެ ހަވަނައިގައި މިހާރު އޮތް އޭސީ މިލާން ނިކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ. މިލާންގެ ސެންސީރޯގައި ކުޅޭ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 00:45 ގައެވެ.