English Edition
Dhivehi Edition

ލިޔުނީ: އަހްމަދު ވަހީދު

ކޮވިޑް 19އަށް ވެކްސިނެއް ބޭނުންކުރަން އެންމެ އަވަހަށްވެސް ފެށޭނީ މިއަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ދުނިޔޭގެ ސިއްޙަތާއިބެހޭ ޖަމްޢިއްޔާއިން ހާމަކޮށްފިއެވެ.

އެޖަމްޢިއްޔާގެ އިމަރޖެންސީސް ޕްރޮގްރާމްގެ އިސްވެރިޔާ މައިކް ރަޔަން ވިދާޅުވި ގޮތުގައި ކޮވިޑް 19އަށް އެކިފަރާތްތަކުން ތައްޔާރުކުރަމުންދާ ގިނަ ވެކްސިންތައް މިހާރު ހުރީ 3 ވަނަ މަރުހަލާގައި ކަމަށެވެ. މީގެއިތުރުން އުފައްދަމުންދާ ހުރިހާ ވެކްސިނަކަށް ބަލާލާއިރުވެސް، ވެކްސިންގެ ރައްކާތެރިކަމާއި ވައިރަހުން ދިފާއުވާ ބައިބައި އުފެއްދުމުގައި ހުރިހާ ވެކްސިންނަކުންވެސް ކާމިޔާބު ހޯދާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މިމޭރުމުން ބަޔާންކޮށްފައިވީ ނަމަވެސް އޮކްސްފޯޑް ޔުނިވަރސިޓީއިން ކޮވިޑަށް އުފައްދަން މަސައްކަތްކުރާ ވެކްސިން، ހައިރިސްކު މީހުން ބޭނުންކުރަން އެކަނިނަމަވެސް މިއަންނަ ޑިސެމްބަރުމަހު ފަހުކޮޅު ލިބޭވަރުވާނެކަމަށް ބެލެވޭކަމުގައި އޮކްސްފޯޑް ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. ސާރާ ގިލްބަރޓް ދެކިލައްވައެވެ.

ބީބީސީ ރޭޑިއޯއަށް މަޢުލޫމާތުދެއްވަމުން ޑރ. ސާރާ ވިދާޅުވެފައިވަނީ އަހަރު ފަހުކޮޅުގައި ވެކްސިން ލިބޭވަރުވާނެކަމަށް ބެލެވުނަސް އެކަން މުޅިން ޔަޤީންކޮށެއްނުދެވޭނެކަމަށެވެ. އެއީ 3 މަރުޙަލާއެއްގައި ވެކްސިން ތަޙުލީލުކުރެވި، ކަމާއިބެހޭ އިދާރާތަކުން ހުއްދަނެގުމާއި ގިނަޢަދަދަކަށް ވެކްސިން އުފައްދަންވެސް ވަގުތުނަގާނެތީކަމަށް ޑރ. ސާރާ ފާހަގަކުރެއްވިއެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ތަރައްޤީވެފައިވާ ދުނިޔޭގެ ބޮޑެތި ޤައުމުތައްވެސް އިޤްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާއިރު، މިބައްޔަށް ވެކްސިނެއް ލިބޭވަރުވެގެންނޫނީ ޤައުމުތަށް ކޮޅަށް ނުޖޭހެނެކަން ޔަޤީނެވެ. އިޖްތިމާޢި ގައިދުރުކަން ބަހައްޓައި، އަތްދޮވެ ނޫނީ މާސްކުއެޅިކަމުގައިވިޔަސް ޤައުމުތަކުގެ އިޤްތިސާދީ ހާލަތު ރަނގަޅުނުކުރެވޭނެއެވެ.

ވެކްސިން އުފެއްދުމުގެ ރޭހުގައި އަވަދިނެތި ސައިންސްވެރިން މަސައްކަތްކުރާއިރު މިހާތަނަށް 24 ވެކްސިނެއް އިންސާނުން ބޭނުންކޮށްގެން ޓެސްޓްކުރަން ފަށާފައިވާކަމަށް މަޢުލޫމާތުލިބެެއެވެ. އަދި އެތަކެއް ވެކްސިނެއް ޕްރީ-ކްލިނިކަލް ޓްރަޔަލުގައިވާކަމަށްވެސް އެނގިފައިވެއެވެ.

ޢާންމުގޮތެއްގައި ވެކްސިނެއް އުފައްދަން 10 ވަރަކަށް އަހަރު ނަގާކަމަށް ކަމާއިބެހޭ މާހިރުން ބުނާއިރު، ކޮވިޑް 19އަށް ވެކްސިނެއް އުފެއްދުމުގައި މިހާބޮޑު ކުރިއެރުންތަކެއް ހޯދުނީ މުޅި ދުނިޔެ އެކަތިގަނޑަކަށްވެ ކުރެވުނު މަސައްކާތާއި، ފަންނީ ދިރާސާތައް ވަގުތުން އިންޓަރނެޓް މެދުވެރިކޮށް ކަމާއިބެހޭ ފަރާތްތަކުގައި ޙިއްސާކުރެވިގެންދިޔުމާއި، ބޮޑެތި އަދަދުތަކުން ފަންޑުކުރެވިގެން ވެކްސިން އުފެއްދުމަށް މަސައްކަތްކުރުމުންކަމުގައި ފަންނީ މާހިރުން ދެކިލައްވައެވެ.