English Edition
Dhivehi Edition
23 ޖުލައި 2020 ވަނަ ދުވަހު "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އިން ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ދަޢުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމާއި ކޮރަޕްޝަނުގެ މައްސަލަތައް ތަޙުޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ”ގެ ރިޕޯޓު އެމަނިކުފާނަށް އަރުވައިފިއެވެ.

އެކަމާއި، ކޮމިޝަނުގެ މަސައްކަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކޮމިޝަނުގެ ރައީސް އަޙްމަދު އަސްޢަދު ވަނީ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާއި، ވަކިން ޚާއްޞަކޮށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ.) ގެ ބޮޑު ޚިޔާނާތާއިގުޅޭ މައްސަލައިގައި މިހާތަނަށް އެ ކޮމިޝަނުން މަސައްކަތްތައް ކުރިއަށް ގެންދަވާފައިވާ ގޮތުގެ މަޢޫލޫމާތު ނޫސްވެރިންނާއި ޙިއްޞާކުރައްވާފައެވެ.

އެ މައްސަލައިގެ ތަޙުޤީޤުގެ މަޢުލޫމާތު ހާމަކުރައްވަމުން އަސްޢަދު ވިދާޅުވީ، އެމް.އެމް.ޕީ.އާރް.ސީ. އިން 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކުރުމުން ދަޢުލަތަށް ލިބެންޖެހޭ ބޮޑު ޢަދަދެއްގެ ފައިސާ ލިބިފައި ނުވާކަމަށެވެ. އަދި އެމް.އެމް.ޕީ.އާރް.ސީ. އާއި ގުޅޭ މައްސަލަތަކުގެ ތެރެއިން 30 މައްސަލައެއް މިހާރު ވެސް ކުރިއަށްގެންދާ ކަމަށާއި، މީގެތެރެއިން ދެ މައްސަލައެއް ނިންމައި ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު، އިތުރު ފަސް މައްސަލައެއް ދަޢުވާކުރުމަށް ވަރަށް އަވަހަށް ފޮނުވާނެކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. މީގެ އިތުރުން، ކޮމިޝަނުން ބަލާ މައްސަލަތަކަށް އިސްކަންދޭ ތަރުތީބު ކަނޑައެޅުމުގައި ގެންގުޅޭ އުސޫލާއި ބެހޭގޮތުން ކޮމިޝަނުން ވިދާޅުވީ، އެ މަސައްކަތް ކުރައްވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ.) އާއި ފުލުހުންނާއި ގުޅިގެން، ތުހުމަތު ކުރެވޭ މީހުންނަކީ ކޮން ބައެއްކަން ބެލުމެއްނެތި، ވަކި ކަންތައްތަކެއް ހިމެނޭގޮތަށް ޕޮއިންޓު ދޭ އުސޫލެއްގެ ދަށުން ކަމަށެވެ.

މީގެ އިތުރުން، ކުރިން ބަލައި ނިމިފައިހުރި ބައެއް މައްސަލަތަކުގައި ތެރޭގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލާއި ގުޅޭ މައްސަލައާއި ފުށިދިއްގަރު ފަޅުގެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން، އެ މަސައްކަތް ވެސް ކުރަމުންދާކަން އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ.

1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިންގާފައިވާ ޚިޔާނާތާއި، ދަޢުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ތަހުޤީޤުކޮށް، އިންސާފު ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ. މި ވަޢުދުގެ ދަށުން “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ”ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނެއް އުފައްދަވާފައި ވަނީ 17 ނޮވެންބަރު 2018 ގައެވެ.