English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލުން މީގެ ކުރިންވެސް މަސައްކަތް ކުރައްވަމުން އައިސްފައިވަނީ ސަރުކާރާއި ގުޅިގެން ރައްޔިތުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި އެހީތެރިވެ އެއްބާރުލުން ދީގެންކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ. ކައުންސިލް އިދާރާއިން އިއްޔެ އާންމުކުރި ނޫސް ބަޔާނުގައި ބުނެފައިވަނީ ނިމިގެންދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އައްޑޫސިޓީ ކައުންސިލަށް އިންތިޚާބުވީ މުޅިންވެސް އެމްޑީޕީގެ ފަރާތުން އެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން ކަމަށްވިއަސް އައްޑޫސިޓީ ކައުންސިލްގެ ވިސްނުމަކީ، ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކަންކަމުގައި އެހީތެރިވެ އެއްބާރުލުން ދެއްވުންކަމަށެވެ. “ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެންނަވައި ސީޓީ ކައުންސިލްތަކުގެ ބާރުތައް އުނިކޮށްލައްވައި ކައުންސިލަރުންގެ މުސާރަ ކުޑަކޮށްލެއްވުމަކުން އައްޑޫސިޓީ ކައުންސިލުން ސަރުކާރާއި ގުޅިގެން ތަރައްޤީއަށް ކުރެވެމުންދާ އެއްވެސް ކަމަކަށް ހުރަސް އަޅައި ދަތިކޮށްފައެއް ނުވާނެ. އެއީ ކުރެވޭނެ ކަމެއްވެސް ނޫން. އައްޑޫސިޓީގެ ލޮބުވެތި ރައްޔިތުން އެކަމަށް ހެކިވެ ކައުންސިލަށް ނުހަނު ބޮޑަށް ތަރުޙީބު ދެއްވާފައިވޭ.” ކައުންސިލުން ބުނީ އައްޑޫސިޓީގެ މިސްކިތްތައް ބެލެހެއްޓުމާއި، އައްޑޫސިޓީގެ ގަބުރުސްތާނު ބެލެހެއްޓުމާއި، އައްޑޫސިޓީގައި ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ގާނޫނީ މެންޑޭޓްގައި ހިމެނޭ މަސައްކަތްތަކަށް ބަދަލުވެފައިކަމަށެވެ. ނަމަވެސް މިމަސައްކަތް އެދެވޭގޮތުގައި ހިނގަމުން ނުދާކަމަށް ކައުންސިލުން ބުނެއެވެ. “ރަމަޟާން މަހަށް މިސްކިތްތައް އާބާތުރަ ފިލުވުމާއި މިސްކިތައްތައް ޒީނަތްތެރިކުރުމުގެ މަސައްކަތާއި، ތަރާވީޙާއި ދަމުނަމާދު ކުރުމާއި ވަޢުޟު ނަސޭޙަތް ދިނުމުގެ ޕްރޮގްރާމް ކައުންސިލްގެ ބާރުތައް އޮތްއިރު އައްޑޫސިޓީ ކައުންސިލުން ވަނީ ވަރަށް ފުރިހަމައަށް ގެންދަވާފައިވޭ. ނަމަވެސް މިއަހަރު އަދި މިސްކިތްތަކުގައި ތަރާވީޙާއި ދަމުނަމާދު ކުރުމާއި ވަޢުޟު ނަސޭޙަތް ދިނުމުގެ ޕްރޮގްރާމް އޮތް ހިސާބެއް ނޭނގޭ. މިއީ އައްޑޫ ސިޓީ ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް. މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ މަސައްކަތްތައް އައްޑޫސިޓީގައި ހިންގެވުމަށް ކައުންސިލުން ވަނީ ވަރަށްބޮޑަށް އެއްބާރުލުން ދެއްވާފައި” ކައުންސިލުގެ ބަޔާނުގައިވެއެވެ. އައްޑޫސިޓީގެ ރައްޔިތުން އެންމެ ކަންބޮޑުވާ އެއްކަމަކީ، ބޭސްފަރުވާގެ ޚިދުމަތް ލިބިގަންނާނެ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ޤާއިމުވެފައި ނެތުމެވެ. އައްޑޫސިޓީ ހިތަދޫ 100 އެނދުގެ ހޮސްޕިޓަލް މަޝްރޫއު އަކީ މިއަދުގެ ސަރުކާރުން އައްޑޫސިޓީގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރޭ ހިމެނޭ ރިޔާސީ ވައުދެކެވެ. 100އެނދުގެ ހޮސްޕިޓަލެއް އައްޑޫސިޓީގައި އިމާރާތް ކުރެއްވުމަށް އޭރުގެ ޕްރޮވިންސް އޮފީހުން ވާނީ މިނިސްޓްރީ އޮފް ހެލްތަށް ބިންވެސް ރަޖިސްޓަރީ ކޮށްދެއްވާފައެވެ. އަދި އޭގެ ފަހުން މި ހޮސްޕިޓަލް އިމާރާތްކުރުމާ ގުޅެގޮތުން އެކިފަހަރު މަތިން ބޭއްވި އެކި ބައްދަލުވުންތަކުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް އޮތްކަން ހާމަކޮށްދެއްވާފައެވެ. އައްޑޫސިޓީ ކައުންސިލުން ބުނަނީ މި ހޮސްޕިޓަލްގެ ވާހަކަ ހަމަ އެޖެންޑާގައި އޮތީކަމަށާއި މިކަން ވެފައިވަނީ ދިވެހިސަރުކާރުގެ ވެރިން ދައްކަމަވުން ގެންދަވާ ހޮޅި ވާހަކައަކަށް ކަމަށެވެ. “މި 100 އެނދުގެ ހޮސްޕިޓަލްގެ ވާހަކަ ދައްކަވާ ފަރާތްތަކުން މިވާހަކަ ދައްކަވާ އިރު މިވާހަކައިން އައްޑޫސިޓީގެ ރައްޔިތުން ގުނބޯ ހެއްދޭކަމަށް ހީފުޅު ކުރައްވާކަމީ އެބޭފުޅުންގެ ހުރި ނުކުޅުންތެރިކަން. ޕްލޭންކުރެއްވުމެއް ބަޖެޓްކުރެއްވުމެއްނެތި އަލާއުއްދީންގެ ވޮށްގަނޑު ކުއްލިއަކަށް ދިއްލި 25 ބުރީގެ ބިޔަ 240 މިލިޔަން ޑޮލަރގެ އަގުބޮޑު އިމާރާތެއް އައިޖީއެމްއެޗްގައި މިއަދުގެ ސަރުކާރުން އިމާރާތްކުރައްވަން ފެއްޓެވިކަމާއި އެކި މުނާސަބަތުތަކުގައި އައްޑޫގައި ހޮސްޕިޓަލް އެޅުމާއި ބެހޭގޮތުން ސަރުކާރުން ދައްކަވާފައިވާ ވާހަކަތަކަކީ އައްޑޫސިޓީގެ ރައްޔިތުންނަށް އެގޭ ހަނދާން ހުރި ވާހަކަތަކެއް. 100 އެނދުގެ ހޮސްޕިޓަލް އެޅުމަށް ދިވެހި ދައުލަތަށް ލޯނު ނެގިފައިވާ ގޮތާއި ދައުލަތުގެ އެކި އަހަރުތަކުގެ ބަޖެޓްތަކުގައި މިމަޝްރޫއު ހިމަނުއްވައި ފައިސާ ހިމަނުއްވަމުން މިހޮސްޕިޓަލް އެޅުއްވުމާއި ބެހޭގޮތުން ބަހަނާ ދައްކަވަމުން ސަރުކާރުން ކަންކަން ކުރައްވަމުން މިއަންނަގޮތް އައްޑޫސިޓީގެ ރައްޔިތުންނަށް އެނގޭ. 2012 ވަނަ އަހަރުއްސުރެ އީސީސީ ދިވެހިސަރުކާރުން އިހުމާލު ކޮށްލައްވައި އަދި މިއަދުގެ ސަރުކާރުން އީސީސީ ވީރާނާވުމަށް ދޫކޮށްލައްވާފައިވާކަން އައްޑޫސިޓީގެ ކުދި ބޮޑު އެންމެހާ ރައްޔިތުން ދަނޭ” ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ، ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްޤީގެ އެކިއެކި ޕްރޮގްރާމްތަކަށް މިހާތަނަށްވެސް އައްޑޫސިޓީ ކައުންސިލުން ވާނީ ވަރަށް ބޮޑަށް ތަރުޙީބު ދެއްވާފައި ކަމަށާއި ހިތަދޫގައި ހަދަން ނިންމި މަސްފެކްޓަރީ އަށް ސަރުކާރުގެ ފަރާތުން އެދިލެއްވުމުން ކައުންސިލުން ވާނީ ބިންވެސް ދޫކޮށްފައިކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.މީގެ އިތުރުން އައްޑޫސިޓީގައި ޒުވާނުންނަށް ފުޓްސަލް ދަނޑު ހެދުމުގައި ކައުންސިލުން ވަރަށް އިސްދައުރެއް އަދާކޮށްފައި ވާނެކަމަށް ވެސް އެމްޑީޕީއަށް މެޖޯރިޓީ އޮންނަ އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.