ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ބާސެލޯނާ 5-0 އިން އަލަވޭސް ބަލިކުރިއިރު، ޗެމްޕިއަން ރެއާލް މެޑްރިޑް ވަނީ ރެލިގޭޝަނުގައި އޮތް އަލަވޭސްއާ 2-2 އިން އެއްވަރުވެފައެވެ. އަދި ރޭގެ މެޗުގައި ޖެހި ދެލަނޑާއެކު ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ލީގުގެ ރަންބޫޓް ހަތް ވަނަ ފަހަރަށް ހޯދައި މި އެވޯޑް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރެކޯޑް ހަދާފައެވެ.
މި ފަހަރުގެ ސީޒަނުގެ ރަން ބޫޓް މެސީ ހާސިލްކުރީ 25 ގޯލް ޖަހައިގެންނެވެ. މި އެވޯޑަށް މެސީއާ އެންމެ ގާތުން ވާދަކުރީ ވާދަވެރި ރެއާލްގެ ކަރީމް ބެންޒެމާ (21) އާއި ވިޔަރެއާލްގެ ޖެރަޑް މޮރޭނޯ (18) އެވެ. މީގެކުރީން، ރަންބޫޓް އެންމެ ގިނައިން ހޯދުމުގެ ރެކޯޑް އޮތް 1940 އިން 1950އާ ދެމެދުގެ އަހަރުތަކުގައި އެތުލެޓިކް ބިލްބާއޯ އަށް ކުޅުނު ޓެލްމޯ ޒަރާ އާއެކު މެސީ މި ރެކޯޑް ހިއްސާކޮށްފައިވާއިރު، މިއީ މެސީ ޖެހިޖެހިގެން މި އެވޯޑް ހޯދި ހަތަރު ވަނަ ފަހަރެވެ. ކުރިން ރެއާލަށް ކުޅެ މެސީއާ އެންމެ ބޮޑު ވާދަވެރިކަމެއް އޮތް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި އެވޯޑް ތިން ފަހަރެއްގް މަތީން ހޯދާފައެވެ.
ރޭ ކުޅުނު މެޗުތަކަށްފަހު 87 ޕޮއިންޓާއެކު އެއްވަނައިގައި އޮވެ ރެއާލުން ސީޒަން ނިންމާލިއިރު، އޭގެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ބާސެލޯނާ އެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ސެވިއްޔާ އަށް 70 ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ގޯލްގެ ތަފާތުން ކުރި ލިބެނީ އެތުލެޓިކޯ އަށެވެ.
އަލަވޭސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އަށް ލީޑްނަގައިދިނީ ސްޕެއިނުގެ އުމުރުން 17 އަހަރުގެ ވިންގާ އަންސޫ ފާޓީ އެވެ. މިލަނޑުޖެހުމަށް އެހީތެރިވެދިން މެސީ ވަނީ 21 އެސިސްޓް ހަމަކޮށް، އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް 2008/2009 ވަނަ އަހަރު 20 އެސިސްޓް ހަދައިގެން ގާއިމްކުރި ރެކޯޑް ވެސް މުގުރާލާފައެވެ.
ރޭގެ މެޗުގައި ބާސެލޯނާ އިން ޖެހި ދެވަނަ ލަނޑު، މެޗުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކުރީ މެސީ އެވެ. އޭގެފަހުން، ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށިތާ 12 ވަނަ މިނެޓުގައި ޕޯޗުގަލްގެ ފުލްބެކް ނެލްސަން ސެމެޑޯ ވަނީ އެ ޓީމަށް ހަތަރު ލަނޑުގެ ލީޑެއްނަގައިދީފައެވެ. ބާސެލޯނާގެ ފަހު ލަނޑު، މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ މެސީ އެވެ. މިއީ މި ސީޒަނުގައި ބާސެލޯނާ އަށް ކުޅެދިން 42 މެޗުގައި މެސީ ޖެހި 30 ވަނަ ގޯލެވެ.
ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ރެއާލް ވަނީ 2-2 އިން ލެގަނޭސްއާ އެއްވަރުވެފައެވެ. މިއީ ކޮވިޑް-19 އަށް ލީގު މެދުކަނޑާލުމަށްފަހު އަލުން ކުޅުން ފެށިފަހުން ލީގުގައި އެ ޓީމަށް މޮޅެއްނުހޯދި ނިންމާލި ފުރަތަމަ މެޗެވެ. އޭގެކުރީން ކުޅުނު 10 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ.
ރޭގެ މެޗުގައި ރެއާލްގެ ލަނޑުތައް ޖަހައިދިނީ ކެޕްޓަން ސާޖިއޯ ރާމޯސް އާއި މާކޯ އަސެންސިއޯ އެވެ. ލެގަނޭސްގެ ދެލަނޑުޖަހައިދިނީ ބްރަޔަން ގިލް އާއި ރޮޖާ އަސޭލް އެވެ. މި މެޗު އެއްވަރުވުމާއެކު ލެގަނޭސް ވަނީ ރެލިގޭޓްވެފައެވެ. އެ ޓީމުގެ އިތުރުން މިފަހަރުގެ ސީޒަނުގައި ދެން ރެލިގޭޓްވެފައިވަނީ މަޔޯކާ އާއި އެސްޕަންޔޯލް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެއިބާ އަތުން އަމިއްލަ ދަނޑުގައި 4-0 އިން ވިޔަރެއާލް މޮޅުވިއިރު، ބިލްބާއޯ އަތުން ގްރަނާޑާ މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ. ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ސެވިއްޔާ ވަނީ 1-0 އިން ވެލެންސިއާ ބަލިކޮށްފައެވެ.