English Edition
Dhivehi Edition
ޝޮޕް އެންޑް ގޯ ޖަޒީރާ މަސްރޭހުގެ މީޑިއާ ޕާޓްނަރ ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަންނަ އަޟްހާ އީދާއި ދިމާކޮށް މަރަދޫ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ “ޝޮޕް އެންޑް ގޯ ޖަޒީރާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި މަހުގެ 20 ވަނަ ދުވަހު ހަމަވާނެ ކަމަށް މުބާރާތުގެ އިންތިޒާމު ކޮމެޓީން ބުނެފިއެވެ.

މުބާރާތާއި ބެހޭ ގޮތުން “އޭއޯ” ގެ އެންމެ ފަސް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިންތިޒާމު ކޮމެޓީގެ ފަރާތުން އަޙްމަދު ނިޝާން ވިދާޅުވީ އޮންލައިން ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ ކަމަށާއި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ޖުލައި މަހުގެ 20 ވަނަ ދުވަސް ކަމަށެވެ.

އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ބާއްވާ މި މުބާރާތަށް ފޯރިއާއެކު ޓީމުތައް ބައިވެރިވަމުން އަންނަ ކަމަށާއި އެގޮތުން އޮފީސްތަކާއި ޖަމިއްޔާތަކުންނާއި އަމިއްލަ ގުރޫޕްތަކުން ވެސް މި މުބާރާތަށް ފޯމު ހުށަހަޅަމުން އަންނަ ކަމަށް ނިޝާން ވަނީ ވިދާޅުވެފައެވެ.

މުބާރާތާއި ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އަލީ ޝައުޒޫން ވިދާޅުވީ މުބާރާތާއި ބެހޭ ހުރިހާ މައުލޫމާތެއް މިހާރު ސޯޝަލް މީޑިއާއިން ލިބެން ހުންނާނެ ކަމަށާއި “ޝޮޕް އެންޑް ގޯ ޖަޒީރާ މަސްރޭސް 2020” މި ނަމުގައި ފޭސްބުކް ޕޭޖެއް ހަދާފައިވާނެ ކަމަށެވެ. އަދި ރަޖިސްޓްރީ ވާން ބޭނުން ޓީމު ތަކުން އެ ޕޭޖުގައި ދެވިފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވުމުގެ ކަންތައްތައް ފުރިހަމަ ކުރެވޭނެ ކަމަށާއި އަދި މުބާރާތުގެ ގަވާއިދު ބަލާލެވޭނެ ކަމަށް ޝައުޒޫން ވިދާޅުވިއެވެ.

http://www.facebook.com/JazeeraMasRace/?ref=br_rs

ޝޮޕް އެންޑް ގޯ އިން މި މުބާރާތަށް ސްޕޮންސަރ ކޮށްފައިވާއިރު މުބާރާތަށް ސްޕޮންސަރ ކުރައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވިފައިވާ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރ އަކީ އޭއޯ ނިއުސް އަދި އޭއޯ ޗެނަލް އެވެ.