English Edition
Dhivehi Edition
03 މާރިޗު 2020ގައި ބޭއްވި 19 ވަނަ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާ - ފޮޓޯ: މަޖިލިސް

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ސީއެސްސީގެ ހަތަރު މެންބަރުންގެ މަޤާމް ހުސްވުމާގުޅިގެން، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 21 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ސީއެސްސީގެ މެންބަރުކަމުގެ މަޤާމު ހުސްވެފައި ވަނީ އެ ކޮމިޝަންގެ ރައީސް، ޑރ. އަލީ ޝަމީމާއި ނައިބު ރައީސް، ޝަހީދު މުޙައްމަދާއި އެ ކޮމިޝަންގެ މެންބަރު ޒަކަރިއްޔާ ހުސައިން މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. މީގެ އިތުރުން އެ ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަޙީޤް މެންބަރުކަމުން ވަކިކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ސީއެސްސީގެ މެންބަރުކަމުގައި މިހާރު ހުންނެވި ހަމައެކަނި ބޭފުޅަކީ ފާތިމަތު އާމިރާ އެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް 2 ވަނަ އިސްލާޙުގެ ގެނައުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރެއް ޢައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢާންމުކޮށް އިޢުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއިންދިރާސާކުރައްވައި ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި އެގޮތުން، އެ ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރާ ފަރާތެއް ނުވަތަ ފަރާތްތައް ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެކަމަށެވެ.

ސީއެސްސީގެ މެންބަރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުމާއި، މުސްލިމަކު ކަމުގައިވުމާއި، ބުއްދި ސަލާމަތުން ހުރުމާއި، ޢުމުރުން 30 އަހަރު ވެފައިވުން އަދި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އެއްވެސް އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން އަދި ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކުރުމަށްފަހު، ސަރުކާރުގައި ނުވަތަ ސަރުކާރުނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ޚިދުމަތްކޮށްފައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފޯމާއި، އިޤްރާރު ދޫކުރުމާއި، ފޯމާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ.