English Edition
Dhivehi Edition
ކްރިސްޓަލް ޕެލަސްގެ ވިންގާ ވިލްފްރައިޑް ޒަހާ. --ފޮޓޯ: އޭޕީ

ކްރިސްޓަލް ޕެލަސް އަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ ވިންގާ ވިލްފްރައިޑް ޒަހާ އަށް ނަސްލީގޮތުން ފުރައްސާރަކުރި 12 އަހަރުގެ ކުއްޖަކު އިނގިރޭސި ވިލާތުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

އޭނާއާ ނަސްލީގޮތުން ދިމާކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖުތަކެއް ފޮނުވާފައިވާކަމަށް އެސްޓަން ވިލާ އަތުން 2-0 އިން ޕެލަސް ބަލިވި މެޗުގެ ކުރީން ޒަހާ ކުރި ޓުވީޓެއްގައިވެއެވެ.

ޒަހާގެ މި ވާހަކަތަކާ ގުޅިގެން ވެސްޓް މިޑްލޭންޑްސްގެ ފުލުހުން ކުރި ޓުވީޓެއްގައި ވަނީ އެ މައްސަލައިގައި ކުއްވެރިވާ ކުއްޖާ ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ. އަދި އެ ކުއްޖާ ހައްޔަރުކުރުމުގައި އާއްމުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައިވެއެވެ.

ޕެލަސްގެ ކޯޗު ރޮއީ ހޮޖްސަން ސިފަކުރާގޮތުގައި މިއީ ނަފުރަތުން ފުރިގެންވާ ވަރަށް ފިނޑި އަމަލެއް ކަމަށާއި، އެއްވެސް ހާލެއްގައި ބަލައިނުގަނެވޭނެ ކަމަށް ވެސް ބުންޏެވެ.

ޕްރިމިއާ ލީގުގެ އޮފިޝަލަކު ބުނީ، ނަސްލީގޮތުން ގެންގުޅޭ ތަފާތުކުރުންތައް ބަލައިނުގަނެވޭނެ ކަމަށާއި، މި އުނދަގޫ ދަނޑިވަޅުގައި ޒަހާ އާއެކުގައިވާކަމަށެވެ. އަދި ކުރިއަށް އޮތް ތާނގާއިވެސް ކްލަބުތަކުގެ ކުޅުންތެރިންނާއި، މެނޭޖަރުންގެ އިތުރުން ކޯޗުންނާއި އެ ފަރާތްތަކުގެ އާއިލާގެ މެންބަރުންނަށް ނަސްލީގޮތުން ކުރިމަތިވާ ފުރައްސާރަތަކާ ދެކޮޅަށް ތެދުވެ ފުރިހަމަ އެއްބާރުލުންދޭނެކަމަށެވެ.

ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް މިވަގުތު ވެސް ޕްރިމިއާ ލީގުން އަންނަނީ “ބްލެކް ލައިވްސް މެޓާ” ޝިއާރުގެ ދަށުން ލީގުގެ ކޮންމެ މެޗެއް ފެށުމުގެ ކުރީން ކަކޫ ޖައްސައިގެން ހަމަހިމޭންކަމުގެ ސުކޫތެއް ގެންނަމުންނެވެ. އެއީ ދާދި ފަހުން އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައި މަރާލާފައިވާތީ އެކަމާ ގުޅިގެން ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ފެށި ކެމްޕެއިނެކެވެ. އަދި އެކަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ލީގުގެ ކޮންމެ ޓީމެއްގެ އަތުގައި “ބްލެކް ލައިވްސް މެޓާ” ކެމްޕެއިންގެ ބެޖެއް ޖަހާފައިހުރެއެވެ.