English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ފުލުހުންގެ ޒިންމާ އަދާނުކުރާ ކަމަށް ބުނުމުން އެކަމާމެދު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައާއި އަދި އެނޫންވެސް އަނިޔާތައް ކުރުމުގެ މައްސަލަތަކަކީ އެ ސަރވިސް އިން އަބަދުވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދެކޭ، ޚާއްސަ ސަމާލުކަމެއް ދީގެން ތަޙުޤީޤުކުރަމުންދާ މައްސަލަތަކެއް ކަމަށެވެ. އަދި އެފަދަ ކުށުގެ އަމަލުތަކާމެދު ރައްޔިތުން ހޭލުންތެރި ކުރުވައި، އެފަދަ ކުށްތަކުން ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

“އެގޮތުން، ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ކުރާ ކުށްތަކުގެ މައްސަލަތައް ތަޙުޤީޤު ކުރުމަށް ވަކި ބަޔަކު ކަނޑައެޅި އެބާވަތްތަކުގެ މައްސަލަތައް ތަޙުޤީޤު ކުރުމަށް ބޭނުންވާ ޚާއްސަ ހުނަރުތައް ދަސްކޮށްދީ އެ ހުނަރުތައް ޒަމާނާއި ކުށާއި ކުށްކުރުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްގޮތަށް ތަރައްޤީ ކުރުމާއި، އެފަދަ ތަޙުޤީޤުތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ބޭނުންވާ ވަސީލަތްތައް އިތުރު ކުރުމަކީ އަބަދުވެސް ސަމާލުކަންދޭ، އަދި މިހާރު ޢަމަލު ކުރެވެމުންދާ ސްޓްރެޓީޖިކް ޕްލޭންގައިވެސް އިތުރު އިސްކަމެއް ދީފައި ކަންކަން. އަދި މިބާވަތްތަކުގެ ކުށްތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، މުޖުތަމަޢުގެ އެކި ދާއިރާތަކާ ފަރުދުންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގައި މައްސަލަތައް ރިޕޯޓްކުރެވޭނެ ފަސޭހަ ގޮތްތައް ތަޢާރަފްކޮށް، މިފަދަ ކުށްތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ތަޙުޤީޤު މަރުހަލާއިން ފެށިގެން ލިބެމުންދާނޭ އިންތިޒާމް ހަމަޖެހި، މިކަންކަން އިތުރަށް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ދަނީ ކުރަމުން. މި އެންމެހާ ކަންކަމަކީ މިދާއިރާތަކުގައި މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމިއްޢާތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ބޭރު ޤައުމުތަކުގެ ފުލުހުންގެ އިދާރާތަކުގެވެސް އެހީތެރިކަމާއެކު ކުރެވެމުންދާ ކަންކަން”، އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށްޓަކައި އިތުރަށް ކުރަން ޖެހިފައި ހުރި ކަންކަން ހުރި ކަމާއި ނަތީޖާ ހާސިލުވާނޭ ގޮތަށް އިންތިޒާމުތައް ބަދަލުކޮށް، ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކޮށް، މުޖުތަމަޢުގައި ހުރި މިފަދަ މައްސަލަތަކާ ދެކޮޅަށް އަޑު އުފުލުމާއި އިންސާފު ހޯދުމާއި އަނިޔާ ލިބޭ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި މަދަނީ ޖަމިއްޔާތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ތަރުޙީބުދޭ ކަމަށެވެ.

“އެހެންނަމަވެސް، ކުޑަކުދިންނާއި އަންހެނުންނަށްޖ ިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ބައެއް ފަރާތްތަކުން މަސައްކަތްތައް ކުރަންޖެހުނީ ފުލުހުން ޒިންމާ އަދާނުކުރާތީ ކަމަށް ބުނެ މީޑިއާގެ ބައެއް ވަސީލަތްތައް މެދުވެރިކޮށް ވާހަކަދައްކަވަމުން ގެންދާތީ އެކަމާމެދު މި ސަރވިސް އިން ކަންބޮޑުވުން ފާޅުކުރަން. އަދި ޒިންމާދާރު ގޮތަކީ ކޮންމެ ކަމެއްގައިވެސް އެކަމެއްގެ ފުރިހަމަ މަޢުލޫމާތު އެކަމާ ގުޅޭ ފަރާތްތަކުން ސާފުކުރެއްވުމަށް ފަހުގައި ނޫނީ އެކަމަކާ ގުޅޭގޮތުން ވާހަކަ ނުދެއްކެވުން ކަމަށްވެސް މި ސަރވިސް އިން ދެކެން. އަދި ކުޑަކދުިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރަކުރުން ފަދަ މުޖުތަމަޢުގެ ކަންބޮޑުވުން ވަރަށް މަތީ ދަރަޖައަކަށް އޮތް، މިފަދަ ހައްސާސީ ކަންކަމުގައި ވަކިން ޚާއްސަކޮށް ކަމުގެ ޙަޤީޤަތް ނުއޮޅޭނޭ ގޮތަށް ވާހަކަދެއްކެވުމަށް އެންމެހާ ފަރާތްތަކަށް މި ސަރވިސް އިން އިލްތިމާސްކުރަން”، އެ ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެ ސަރވިސް އާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާތައް އަދާކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި، އިސް ސަފުގައި މަސައްކަތް ކުރަމުން ގެންދާނޭ ކަމުގެ ޔަޤީންކަން އެނެމްހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި މި ރޮނގުން އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ދެވެން އޮތް އެންމެ ފުރިހަމަ އެއްބާރުލުމެއް ދެމުންދާނެ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ކުޑަކުދިންނާއި އންހެނުންނަށް ކުރާ އަނިޔާ އާއި ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، އެފަދަ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިފައިވާނަމަ، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންސްގެ ނަންބަރު 3000600 އަށް ނުވަތަ ޖެންޑަރ މިނިސްޓްރީގެ ހިލޭ ގުޅޭ ނަންބަރު 1412 އަށް ހުށަހަޅައިދިނުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.