English Edition
Dhivehi Edition

 

13 އަހަރުގެ ކުއްޖަކު ބްލެކްމެއިލްކޮށް ރޭޕްކުރި މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ އިތުރުބާރުކުރެވޭ މަގާމެއްގައިހުރެ 13 އަހަރުގެ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް، އެކުއްޖާ ރޭޕްކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފައިވާ ތ. ގުރައިދޫ/މިޔަވާލި، ޙުސައިން ޒާހިނު (33އ)ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން ޒާހިނު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކަށް ވުމާއެކު، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ފުލުހުން މިހާރުދަނީ ކުރަމުންނެވެ.

ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާ ތަކުގައި ޝާއިއު ކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.