English Edition
Dhivehi Edition

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އެކަމުން ސަލާމަތް ކުރަން ބައެއް ގައުމުތަކުގައި ދޭ ފަރުވާ، “މެތަޑޯން މެއިންޓެނެންސް ތެރަޕީ” އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި އަލުން ފަށަން މަޝްވަރާކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓެނަންސް ތެރަޕީ، އަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ ކުރިން ރާއްޖޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔަ ނަމަވެސް، ތަފާތު ސަބަބުތަކާހެދި މީގެ ތިން އަހަރު ދުވަސް ކުރިން އެ ޕްރޮގްރާމް ވަނީ ހުއްޓާލައިފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަަަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ޖެންޑާ މިިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އިއްޔެ އާއްމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެ ފަރުވާ އަލުން ފަށަން އުޅެނީ އިންޑިއާ ސަރުކާރުގެ އެހީގައި އިންޑިޔާގެ އޯލް އިންޑިޔާ މެޑިކަލް ސައިންސަސް (އެއިމްސް) ގެ ފަންނީ އެހީތެރިކަމާއެކު ކަމަށެވެ.

އަދި އެ ފަރުވާއަށް ބޭނުންވާ ބޭސް ރާއްޖޭން ބޭރުން ގެނެސް، ސެޕްޓެމްބަރު މަހު ފަރުވާގެ މަސައްކަތް ފެށުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި މެސެޖުގައި ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދީ، އެކަމުން ސަލާމަތްވެފައިވާ ބައެއްގެ ގޮތުގައި އެމީހުން އަނބުރާ މުޖްތަމައަށް ނެރުމަކީ ބުރަ އަދި އެހާމެ ގޮންޖެހުން ގިނަ މަސައްކަތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފަރުވާ ބޭނުންވާ ގިނަ ފަރާތްތަކަކަށް ފަރުވާގެ އިންތިޒާރުގައި ތިބެން ޖެހުމުގެ ބަދަލުގައި ބޭނުންވާ ފަރުވާ ލިބުމުގައި ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ މިކަމުގައި އިތުރު ކާމިޔާބުތަކެއް ލިބިގެންދާނެ ކަމަށެވެ.

އަދި މިކަމުގައި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި، ސިއްހީ ފަރުވާދޭ މަރުކަޒުތަކާއި އަދި އަމިއްލަ ޖަމްއިއްޔާތަކާއި ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތައް ގުޅިގެން މަސައްކަތްތަކެއް ކުރެވިއްޖެނަމަ އެކަމުން ލިބޭ ނަތީޖާ މިހާރަށްވުރެ އެތައް ގުނައެއް ބޮޑުތަނުން ރަނގަޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކުރުމަށް ފަހު، އެ ކަމުން ސަލާމަތް ވުމުގެ ފަރުވާ ލިބި ރިހެބިލިޓޭޓްވެގެން ނުކުންނަ މީހުންނަކީ މުޖުތަމައުން ބަލައިގަންނަ މީހުންނަށް ހެދުމަށް އެންމެން ގުޅިގެން ބުރަ މަސައްކަތެއް ކުރަން ޖެހޭ ކަަމާށް ވެސް މިނިސްޓަރ އާއިޝާ ވިދާޅުވި އެވެ.

ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް ފަރުވާދިނުމުގެ މަސައްކަތް ކުރެވެމުން އަންނައިރު، މި މަސައްކަތަކީ އަބަދު ތަރައްގީވެ، އާ ހޯދުންތަކާއި އެވިޑެންސް ބޭސްޑް އެޕްރޯޗް ބޭނުންކުރަމުން ގެންދަން ޖެހޭ މަސައްކަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ސަބަބުން ދިވެހި ޒުވާން ޖީލަށް ނުރައްކާ ވަމުން އަންނައިރު، މިކަމުގައި އެންމެން ގުޅިގެން އިތުރު ހިތްވަރަކާއެކު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހުގެ މިއަހަރުގެ ޝިއާރަކީ “ރަނގަޅަށް އަޅާލުމަށް – ރަނގަޅު މައުލޫމާތު” ލިބުމުގެ މުހިންމުކަމެވެ.