English Edition
Dhivehi Edition
މާމަކާފަ ޕާކު ހަދާ ސަރަހައްދު: ޕާކު ހަދަނީ ގަމުން ފޭދޫއަށް އަރާއިރު ، ދަނޑުގެ އަރިމަތިން ބޮޑުމަގާވީ ފަޅީގައި ފިތުރޯނުގަސްބަރި ހުރި ދިމާއިން 3500 އަކަފޫޓުގެ ބިމެއްގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު”ގެ އެހީތެރިކަމާއެކު ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ފަރާތުން އައްޑޫސިޓީގެ ފޭދޫގައި ދޮށީ އުމުރުގެ މީހުންނަށް ޚާއްޞަ ޕާކެއް ހެދުމަށް ތައްޔާރުވެއްޖެއެވެ.

“މާމަކާޕަ ޕާކު” ގެ ނަމުގައި ފޭދޫގައި ޕާކެއް ތަރައްގީކުރުމަށް އެދި ސްކީމްގެ ރައީސާ އަދި ކޯފައުންޑަރ ޝިމްލާ އަޙްމަދު ހުށަހެޅުއްވި ޕްރޮޕޯސަލް ވަނީ ކޮމިޔުނިޓީ ފަންޑުގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުން ހޮވުނު ފަސް ޕްރޮޖެކްޓްގެ ތެރޭގައި ހިމެނިފައެވެ.

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލްއިން ތައާރަފްކުރި “އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު”ގެ އެހީތެރިކަމާއެކު ސްކީމުން މިހާރުގެންދަނީ ފޭދޫގައި ތަރައްގީ ކުރާ މާމަކާފަ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

“މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސްކީމުގެ އައްޑޫ ޗެޕްޓަރ މެމްބަރުން ގުޅިގެން ފޭދޫގައި. މިއީ ދޮށީ އުމުރުގެ މީހުންނަށް އުފާވެރި ހިތްހަމަޖެހޭފަދަ މާހައުލެއް ހޯދައި ދިނުމާއި އެ އުމުރުގެ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ތަފާތު އެކިކަހަލަ ޕްރޮގްރާމު ކުރިއަށް ގެންދެވޭނެ ފުރުސަތު ހޯދައި ދިނުން ފަދަ ކަންތައްތައް ކުރުމުގެ މަގްޞަދުގައި އުފެދުނު ޚިޔާލެއް. ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑާއެކު މި ޚިޔާލު ޙަގީގަތަކަށް މިއޮތީ ވެފައި. މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ކުރިއަށް ގެންދަވާ މިމަސައްކަތަށް ޝުކުރުވެރިވަން. އިރާދަކުރެއްވިއްޔާ ރާއްޖޭގައި ތަރައްގީކުރާ އިސްރައްވެހިންގެ އެންމެ ފުރަތަމަ ޕާކަށް މިތަން ވެގެންދާނެ. މަސައްކަތް ކުރުން ދެން އޮތީ. އެންމެ ބޭނުންވާ ގޮތަށް މި ޕާކު ހެދުމަށް 50،000 (ފަންސާސް ހާސް) އަކީ މަދު އަދަދެއް. އެކަމަކު އުއްމީދު ކުރަނީ މިފަދަ މަސައްކަތެއް އަޅުގަނޑުމެން އިސްނަގައިގެން ފެށުމުން އައްޑޫ ދެކެ ލޯބިވާ ގިނަ ބައެއްގެ އެހީތެރިކަން ލިބި މިއީ ރާއްޖޭގައި ހެދޭ ނަމޫނާ ޕާކަކަށް ވެގެންދާނެކަމަށް ” ސްކީމްގެ ރައީސާ ޝިމްލާ ވިދާޅުވިއެވެ.

މާމަކާފަ ޕާކު ހެދުމަށް ނިންމާފައިވަނީ ގަމުން ފޭދޫއަށް އަރާއިރު ، ދަނޑުގެ އަރިމަތިން ބޮޑުމަގާވީ ފަޅީގައި ފިތުރޯނުގަސްބަރި ހުރި ދިމާއިން 3500 އަކަފޫޓުގެ ބިމެއްގައެވެ. މި ޕާކުގެ މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އަޅާ ބިންގާ އެޅުމުގެ ފުރުސަތުވެސް ދޭ ގޮތަށް ހަމަޖެހިފައިވަނީ އިސްރައްވެއްސަކަށެވެ. ހަމަ އެއާއެކު މި ޕާކު ފެހިކުރުމާއި ޒީނަތްތެރިކުރުމަށްޓަކައި ގަސް އިންދުން ފަދަ ކަންކަމުގައި އިސްރައްވެހިން ބައިވެރި ކުރުމާއި އެ މީހުންގެ މާމަ އަދި ކާފަ ކުދިން ގޮވައިގެން ހަވީރު ފިންޏަށް އައިސް ޕާކުގައި ތިބެ އެކިކަހަލަ ކުޅިވަރު ކުޅެވޭ ކަހަލަގޮތަކަށް ތަން ފަރުމާ ކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ރާޒުވާ އާއި ކެރަމް އަދި އޮއްވަޅު ގޮނޑިފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ޕާކުގައި ހަދާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޕާކުގެ މަސައްކަތް ނިންމާލާއިރު ކަސްރަތު ކުރާނެ ޖިމްސެޓެއް ބެހެއްޓުމާއި ކޮފީ އަދި އައިސްކްރީމް ކަހަލަ ލުއި ބުއިންތައް ލިބޭނެ އިންތިޒާމުވެސް ހަމަޖެއްސުމަށް ސްކީމުން ވަނީ ނިންމާފައެވެ.

ސްކީމުން އިސްނަގައިގެން ފޭދޫގައި މިފަދަ ޕާކެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާއިރު މި މަސައްކަތުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށާއި އަދި އެފަދަ ފަރާތްތަކަށް މަރުހަބާ ކިޔާކަމަށް ސްކީމުން ބުނެއެވެ.