English Edition
Dhivehi Edition
މާލޭ ލޯކަލް މާރުކޭޓު - ފޮޓޯ: ދަ ލޭޒިންގ ވޮންޑަރަރ

މާލޭ މާރުކޭޓުތަކުގެ ގޮޅިތަކުގައި ހުސްނުކޮށް ހުރި ތަކެތި ހުސްކުރުމަށް އަނެެއްކާވެސް އަންގައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ޞިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ ސިޓީ ފުރަބަންދު ކުރުމާއި ގުޅިގެން މާރުކޭޓުތައް ބަންދުކުރެވިފައިވާތީ، މާރުކޭޓުތަކުގެ ގޮޅިތަކުގައި ހުރި ތަކެތި ހުސްކުރުމަށް އެ ކައުންސިލުން ކުރި އިޢުލާނާއި ގުޅިގެން ދީފައިވާ މުއްދަތުގައި އަދިވެސް ބައެއް ގޮޅިތަކުން މުދާ ހުސްކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން ޖޫން 23 ވަނަ ދުވަހުގެ 18:00ގެ ނިޔަލަށް އެފަދަ ގޮޅިތަކުގައި ހުރި ހުރިހާ ތަކެތި ނެގުމަށާއި، ގުދަނުގެ ގޮތުގައި ހަދާފައި ހުރި ގޮޅިތައްވެސް ރޫޅާ ހުރިހާތަކެތި ގެންގޮސް ގޮޅިތައް ހުސްކުރުމަށް އެ ކައުންސިލުން ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން މި މުއްދަތުގެ ނިޔަލަށް ނުގެންގޮސް ހުރި އެފަދަ ތަކެތި ގޮޅިތަކުން ނަގާ ގޮޅިތައް ހުސްކޮށް ގުދަނުގެ ގޮތުގައި ހަދާފައިހުރި ގޮޅިތައް ރޫޅާލާ މުޅި މާރުކޭޓް ދޮވެ ސާފުކުރުމަށް ފަހު ޑިސްއިންފެކުޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އަދި ސިޓީ ކައުންސިލުން ބުނީ މާރުކޭޓުން ތަކެތި ނެރުމަށް ހުޅުވަން ހަމަޖެހިފައި ވަނީ ޖޫން 23ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 08:00 އިން 18:00 އަށް ކަމަށެވެ.

މާލޭ މާރުކޭޓު ހުސްކުރުމުގެ މަސައްކަތް އެ ކައުންސިލުން ފުރަތަމަ ފަށާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ.