English Edition
Dhivehi Edition

ލިޔުނީ:މުހައްމަދު ހިޒްޔަމް

ކޮވިޑް-19ގެ ސަބަބުން ފުރަބަންދުކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމެވެ. 3 މަހަށްވުރެ ގިނަ ދުވަސް ދަރިވަރުން ކިޔެވުމާ ދުރުގައި ތިބެންޖެހިފައި ވާ މިދަތި އުނދަގޫ ދަނޑިވަޅުގައި މުދައްރިސުންދަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ބައެއް ސްކޫލްތަކުން އަމިއްލަ ޓެލެކިލާސްތައް އީޖާދުކޮށްފައިވާއިރު ބައެއް ސްކޫލްތަކުން ޤަވާއިދުން ގޫގުލް މީޓް ކްލާސްތައް ކުރިއަށް އެބަގެންދެއެވެ.

މިގޮތުން “ފިޒިކްސް އެރައުންޑް ޔޫ”ގެ ނަމުގައި ސ.އަތޮޅު މަދަރަސާގެ ފިޒިކްސް ޓީޗަރު އީޝްވަރަން ގެންދަނި ޔޫޓިއުބް ޗެނަލެއް ހަދައި ކޮންމެ ދުވަހަކު ފިޒިކްސްއާ ގުޅުންހުރި ފިލާވަޅުތަކާއި އެކްސްޕެރިމެންޓްތައް އަޕްލޯޑް ކުރަމުންނެވެ. ވީޑިއޯ ފިލާވަޅުތަކާ ގުޅޭގޮތުން އޭއޯ ނިއުސްއިން ކުރެއްވި ބަސްދީގަތުމެއްގައި އީޝްވަރަން ވިދާޅުވީ މި ޗެނަލް ފެށުމުގެ މައިގަނޑު މަޤްޞަދަކީ އުނގެނުމުގެ ކަންތައް އޮންލައިން މަންސައަކަށް ގެނެސް، ދަރިވަރުންނަށް ގޭގައި ތިބެގެން ފަސޭހައިން ފިޒިކްސް ކިޔެވޭނެގޮތެއް ހެދުން ކަމަށެވެ. ހަމައެހެންމެ، ކްލާސްތެރޭގައި ކުރިއަށް ގެންދާ ޙަރަކާތްތައް އޮންލައިން ޕްލެޓްފޯރމަކަށް ގެނެސް ދަރިވަރުންނަށް އިތުރު ލުޔެއް ހޯދައި ދިނުން ކަމަށެވެ.

“އަޅުގަނޑު މި ޗެނަލް ފެށީ ލިބެން ހުރި ވަޞީލަތްތަކާއެކު. ގޭތެރެއިން ލިބެންހުރި މެޓީރިއަލްސްއާއެކީ ކުދިންނަށް އިތުރު އެއްޗެއް އުގަންނައި ދިނުމަށް. ވީޑިއޯ ހެދުމާއި ހުރިހާ ކަމެއް ކުރަނީ ފޯނުން” އީޝްވަރަން ވިދާޅުވިއެވެ. މީގެ އިތުރުން އީޝްވަރަން ވިދާޅުވީ ހުރިހައި ވީޑިއޯއެއްވެސް އަޕްލޯޑްކުރަމުން ދަނީ އައި.ޖީ.ސީ.އެސް.އީ ފިޒިކްސްގެ ހަމަތަކާއެކު ކަމަށެވެ.

https://www.youtube.com/channel/UCdhX-EcOZFcPYqzBQ1Ct3lw

ސ.އަތޮޅު ސްކޫލްގެ ސައިންސް ޑިޕަރޓްމެންޓްގެ ހެޑް އޮފް ޑިޕަރޓްމެންޓްގެ މަޤާމުވެސް ފުރުއްވަމުންގެންދާ އީޝްވަރަން އަކީ އެ މަދަރުސާގައި ފިޒިކްސް އުނގަންނަވައިދެއްވުމުގައި 15 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ތަޖުރިބާހުރި މުދައްރިސެކެވެ. ފިޒިކްސްގެ ދާއިރާއިން ބެޗެލަރސް އޮފް ސައިންސް އަދި ބެޗެލަރ އޮފް އެޑިއުކޭޝަން ހޯއްދަވާފައިވާ އީޝްވަރަން އަކީ އިންޑިއާގެ ޓަމިލް ނާޑޫއަށް އުފަން ބޭފުޅެކެވެ.

އުމުރުން 39 އަހަރުގެ އީޝްވަރަން އަކީ ދަރިވަރުންނަށް އުނގަންނައިދިނުމަށްޓަކައި ގިނަ އުކުޅުތަކެއް ބޭނުންކުރަމުން އަންނަ މުދައްރިސެކެވެ. ސ.އަތޮޅު ސްކޫލްގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އީޝްވަރަންވަނީ ސައިންސް ޑިޕަރޓްމެންޓަށާއި ފިޒިކްސް މާއްދާއަށް ގިނަކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައެވެ.