English Edition
Dhivehi Edition
06 ޑިސެމްބަރު 2019 ގައި ބޭއްވި ޖޭއެސްސީގެ 88 ވަނަ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޖޭއެސްސީ

ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަޙުޤީޤުކުރަން ފަށައިފި އެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް މުޙައްމަދު އިބްރާހީމް، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގައި ބަޔާންކުރާފަދަ އާއިލީ ގުޅުން އޮންނަ ފަރާތެއް އެ ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ހަމަޖެއްސުމުގައި އިހުމާލުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަޙުޤީޤުކުރަން ފަށާފައިވާ ކަމަށެވެ.

އަދި ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދައުވާ ކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ހާޒިރުވުމަށް ޢައްޔަންކޮށްފައިވާ ފަރާތް ކޯޓަށް ހާޒިރުނުކޮށް މައްސަލަ ބާތިލްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްވެސް ބަލަމުންދާ ކަމަށް ޖޭއެސްސީން ބުނެއެވެ.

މީގެ އިތުރުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛާ މުލްޙާ ޢަލީ، ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝާމިލްވާ އެކި ފަރާތްތަކާއެކު ފަނޑިޔާރަކު ބާއްވައިގެން ނުވާނެ ގުޅުން ބާއްވާކަމުގެ ތުހުމަތާއި، ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު ބަންދު މުއްދަތު ޖަހާފައިވަނިކޮށް އެ ބަންދު އަމުރު މުރާޖަޢާކޮށް ގޮތް ނިންމި ކަމަށް ބުނެވޭ މައްސަލައަކާއި، އާއިލީ ވިޔަފާރީގައި ޢަމަލީ ގޮތުން ބައިވެރިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި، ފުލުހުންގެ އިދާރާއިން ހިންގި ތަޙުޤީޤަކަށް ހުރަސް އަޅައި ހެކި ނައްތާލަން މަސައްކަތް ކޮށް ފަނޑިޔާރެއްގެ ޢަމަލުތައް ބަހައްޓައިގެން ނުވާނެފަދަ ގޮތަށް ޢަމަލު ކުރި ކަމަށް ބުނާ މައްސަލައެއްވެސް ތަޙުޤީޤުކުރަމުންދާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުޙައްމަދު، މީހަކު ބަންދުގައި ބެހެއްޓުމާމެދު ގޮތް ނިންމިއިރު، ޙަޤީޤަތާ ޚިލާފަށް އަދި ޒިންމާދާރުކަން ކުޑަ ގޮތެއްގައި ލިބިފައިވާ މަޢުލޫމާތު އޮޅޭގޮތަށް ޢަމަލު ކުރި ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ ތަޙުޤީޤުކުރުމުން، އެ ކޮމިޝަންގެ ކަމާބެހޭ ކޮމިޓީން ނިންމަފައިވާތީ، އެ މައްސަލަތައް ތަޙުޤީޤުކުރާނެ ތަޙުޤީޤު ކޮމިޓީތައްވެސް މިއަދު ބޭއްވި އެ ކޮމިޝަންގެ މި އަހަރުގެ 42 ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ހަތް މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށާއި، ބައްދަލުވުން އޮތީ އެ ކޮމިޝަންގެ އިދާރާގައި ކަމަށެވެ.