English Edition
Dhivehi Edition
ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު - ފޮޓޯ: މަޖިލިސް

އައްޑޫ ސިޓީގައި ވަރަށް އަވަހަށް ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ނިހާދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ނިހާދު ވިދާޅުވީ އައްޑު ސިޓީގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ޕޮޒިޓިވް ކޭހެއް ފެނުމާއެކު މެޝިނާއި، އެއާއި ގުޅުންހުރި ސާމާނުތައް ފޮނުވުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް ނިހާދު ވިދާޅުވި އެވެ.

“މިއަދު ނޫނީ މާދަމާ އައްޑޫއާ ހަމައަށް ދާނެ”، ނިހާދު ވިދާޅުވި އެވެ. އަދި މިއީ އައްޑޫ އާއި ފުވައްމުލަކު ސިޓީއަށްވެސް ލިބޭނެ ވަރަށް އުފާވެރި ޚަބަރެއް ކަމުގައި އޭނާ ވިދާޅުވި އެވެ.

ނިހާދު މިހެން ވިދާޅުވިއިރު، އައްޑޫ ސިޓީ ގަމުގައި ހިންގާ އީކުއޭޓަރ ވިލެޖުގައި ކަރަންޓީނުގައި ހުރި އުމުރުން 65 އަހަރުގެ ދިވެހި އަންހެނަކު ވަނީ އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެމީހާ އާއި އެއް ކޮޓަރިއެއްގައި އެމީހާގެ މާމަ ދަރިފުޅު ހުރިނަމަވެސް، މާމަ ދަރިފުޅު ވަނީ ކޮވިޑް-19 އަށް ނެގެޓިވްވެފަ އެވެ.

އައްޑޫ އިން އިއްޔެ ޕޮޒިޓިވްވީ ކަރަންޓީނުގައި ހުރި މީހެއް ކަމަށްވާއިރު، އޭގެ ސަބަބުން އައްޑޫގައި ބަލި ފެތުރުމުގެ ފުރުސަތު ކުޑައެވެ. އަދި މިހާތަނަށް އައްޑޫ ސިޓީގައި އާންމުންގެ ތެރެއިން މި ބައްޔަށް އެއްވެސް މީހަކު ޕޮޒިޓިވެއް ނުވެއެވެ.