English Edition
Dhivehi Edition

ކަނޑުތައް ރަނގަޅަށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ކަމުގައި ރާއްޖޭގައި އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތްދޭ ކުންފުނި ކަމަށްވާ ދިރާގުން ބުނެފި އެވެ. ދިރާގުން މިހެން ބުނެފައި ވަނީ ކަނޑުތަކުގެ ދުވަހާ ގުޅިގެން އެ ކުންފުނިން ދިން މެސެޖުގައެވެ.

އެގޮތުން އެ މެސެޖުގައި ދިރާގުން ބުނީ “ނިއު ނޯމަލް” އަކަށް ދިއުމަށްޓަކައި ޤައުމުތަކުން ފުރަބަންދު އުވާލާ، އޮފީސްތަކާއި ވިޔަފާރިތައް އަލުން ހުޅުވާ، ބޭރައް ނިކުމެ އުޅެން މަދު މަދުން ހުއްދަ ލިބެމުންދާއިރު، ބޭރަށް ނިކުމެ އުޅެވުނަސް މާސްކް އެޅުންވަނީ ކޮންމެހެން ލާޒިމް ކަމެއް ކަމަށެވެ. އަދި ޑިސްޕޯސަބަލް ގްލޯވްސް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލަންޖެހޭ އަންގި ފަދަ ތަކެތި ބޭނުން ކުރުން ގިނަވެފައިވާ ކަމަށާއި، އެހެންކަމުން، މިފަދަ އެއްފަހަރު ބޭނުންކުރަން ޖެހޭ އަންގި، މާސްކް އަދި ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި ނައްތާލުމުގައި ވަރަށް މުހިންމު ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ދިރާގުން ބުނެއެވެ. އޭގެ ސަބަބަކީ މިފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާނުލެވިއްޖެ ނަމަ، އަހަރުމެންގެ ވަށައިގެން މިވާ ކަނޑުތަކާ ފަރުތަކަށް އޭގެ ސަބަބުން ނުހަނު ނޭދެވޭ އަސަރުކުރާނެތީކަންވެސް ދިރާގުން ބުނެއެވެ.

“މި ރާއްޖެއަކީ ކަނޑުތަކާއި އޭގައިވާ ދިރުންތަކަށް ބަރޯސާވެފައިވާ ޤައުމެއްކަމުގައި ވުމުން، ކަނޑުތައް ރަނގަޅަށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްކަން ޔަގީނެވެ. މިއަދު ކަނޑުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދިރާގުން ހަނދާންކޮށްދޭން ބޭނުންވި މެސެޖަކީ މީއެވެ. ރައްކާތެރިގޮތުގައި ޕީ.ޕ.އީ ، މާސްކް އަދި އަންގި ފަދަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ނައްތާލުމުގެ މުހިންމު ވާހަކައެވެ. މަގު މައްޗަށާއި މީހުން އުޅޭ ސަރަހައްދުތަކަށް މި ފަދަ ތަކެތި އުކާލުމުގެ ނޭދެވޭ އާދަތަކާ ދުރުވުމަކީ ހުރިހާ އެންމެންގެވެސް ފަރުދީ ޒިންމާއެކެވެ. މި ކަމުގެ ސަބަބުން ސީދާގޮތުން ކުރާ ސިއްހީ ނޭދެވޭ އަސަރު ގެ އިތުރުން، މިތަކެތި ކަނޑުތަކަށް އެޅުމުން ލިބޭ ގެއްލުންވެސް ނުހަނު ބޮޑެވެ. އެއް ކާރިސާއިން އަރައިނުގަނެވެނީސް އަނެއް ކާރިސާއަށް ދިޔަ ނުދިޔުމަކީ ހުރިހާ އެންމެންވެސް އެކަމަށް ސަމާލުވާންޖެހޭ ކަމަކެވެ.”، ދިރާގުން ބުނެއެވެ.

ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަކަށްވާއިރު ދިރާގުން ވަނީ ކަނޑުތަކުގެ ހިމާއަތުގައި އަޑު އުފުލާފައެވެ.

އެގޮތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ދިރާގާއި ޕާލޭ މޯލްޑްވިސް ގުޅިގެން ފެށި “ފޯ ދި އޯޝަންސް” ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވާލާފައިއެވެ.

މީގެ އިތުރުން، މި ކެމްޕެއިންގެ ދަށުން މުހިންމު ކަންތައްތަކެއް ދިރާގުން ވަނީ ކޮށްފައިއެވެ. އެގޮތުން، ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފައިއެވެ. އަދި ހަމައެއާއެކު، ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެއެވެ. 2020 ވަނަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ޚާއްސަ ކޮށްފައިވަނީ ވެސް ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.

ދިރާގުން ތަޢާރަފް ކޮށްފައިވާ ރީޔޫޒަބްލް ފެންފުޅި

މީގެ އިތުރުން، ދިރާގުގެ ހުރިހާ އޮފީހެއްގައި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކުރުމަށް ފިޔަވަޅުއަޅާ މިކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޏަކީވެސް ދިރާގެވެ.

ސާފު ކުރުމުގެ ޕްރޮގްރާމެއްގައި ދިރާގު މުވައްޒަފުން ބައިވެރިވަނީ

ދިރާގުން އިތުރަށް ބުނީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އަޅަމުން ދާ ކުނީގެ މިންވަރު މަދު ނޫން ކަމަށާއި، އެކަމުގެ ސަބަބުން ރީތި ފަރުތަކާއި ކަނޑުއަޑީގެ ތަފާތު ދިރުން ތަކާއި މަސްމަހާ މެއްސަށް އެތައް ނޭދެވޭ އަސަރުތަކެއް ކުރެމުން ދާ ކަމަށެވެ.

“އަހަރުމެންނަށް ބޭނުންވާ އޮކްސިޖަންގެ ބޮޑު ބައެއް ލިބެނީ ކަނޑުންނެވެ. ކަނޑުތަކުން އަހަރުމެންނަށް ކާނާ ލިބެއެވެ. އަދި ދުނިޔޭގެ ވަޔާ، ފެނާ، މޫސުން ހިފެހެއްޓުމުގެ އެންމެ ބޮޑު ދައުރެއް އަދާ ކުރަނީވެސް ހަމަ ކަނޑުންނެވެ. ކަނޑުތަކުގެ ސަލާމަތަކީ އަހަރުމެންގެވެސް ސަލާލަމަތެވެ.”، އެ މެސެޖު ނިންމާލަމުން ދިރާގުން ބުނެފައި ވެއެވެ.