English Edition
Dhivehi Edition

ނައިބު ރައީސް ފައިޞަލް ނަސީމް، ދިމާވާ ކުއްލި ޞިއްޙީ ޙާލަތްތަކުގައި ފަރުވާދެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމާއި ބެހޭގޮތުންނާއި އަތޮޅުތެރޭގައި ޞިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް އިއްޔެ ހަވީރު ބޭއްވެވި އެ މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދިމާވާ ޞިއްޙީ ކުއްލި ހާލަތްތަކުގައި ފަރުވާދިނުމުގައި މިހާރު ކުރިމަތިވާ ދަތިތައް ހައްލުކޮށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ވީހާވެސް ބާރު ސްޕީޑެއްގައި ހަރުދަނާގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުންނެވެ. ޚާއްޞަގޮތެއްގައި މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާދިނުމުގައި ވީހާވެސް ހަރުދަނާ އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމުގެ މުހިންމުކަން އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަތޮޅުތެރޭގައި ދިމާވާ އެކިއެކި ޞިއްޙީ ކުއްލި ޙާލަތްތަކުގައި ފަރުވާގެ ކަންކަން އިންތިޒާމުކުރުމުގައި މިހާރަށްވުރެ ހަރުދަނާ އިންތިޒާމުތަކެއް ރާވައި، ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މިނިސްޓަރ އޮފް ހެލްތް ޢަބުދުﷲ އަމީންއާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީ އާއި އާސަންދަ ކުންފުންޏާއި އެސްޓީއޯގެ އިސްވެރިންގެ އިތުރުން ޞިއްޙީ ދާއިރާގެ ކަމާބެހޭ ބައެއް އިސްފަރާތްތަކުން އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ޚާއްޞަކޮށް އެމެޖެންސީކޮށް ފަރުވާ ދޭންޖެހޭ ޙާލަތްތަކުގައި ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމްތައް ވީހާވެސް އަވަހަށް ހަމަޖެހޭނެގޮތަށް ކަންކަން ރޭއްވެވުމަށާއި ފެންވަރު ރަނގަޅު ޚިދުމަތެއް ލިބޭނެގޮތަށް ވަޞީލަތްތަކާއި އެހެނިހެން ކަންކަން ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ހަމަޖެހިފައި ހުރިކަން ކަށަވަރުކުރެއްވުމަށް ވެސް ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި ފެންވަރު ރަނގަޅުކޮށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެ ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަޒީރުންނާއި އެކި އިދާރާތަކުގެ އިސް ބޭފުޅުން ވަނީ މިހާރު ޚިދުމަތްދިނުމުގައި ހުރި ދަތިތަކާއި ކަންކަން ހަރުދަނާކޮށް، ރަނގަޅުކުރުމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތްތައް ޙިއްޞާކުރައްވައި އެކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން މިހާރު ހުރި މައްސަލަތައް ޙައްލުކޮށް އަވަސްފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރަމުން ގެންދިއުމުގެ މުހިންމުކަން ބައްދަލުވުމުގެ ބައިވެރިންވެސް ވަނީ ފާހަގަކުރައްވާފައެވެ.