އިސްލާމިކް ފައިނޭންޝަލް ލިޓްރަސީ އަދި ފައިނޭންޝަލް އިންކްލޫޝަންގެ ނަމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށް ދިޔުމަށް ހަމަޖެހިފައިވާ ސާރވޭގެ މަސައްކަތް ފަށައިފިއެވެ.
މި ސާރވޭ ކުރިއަށް ގެންދަނީ ކެޕޭސިޓީ ޑިވެލޮޕްމެންޓް އަދި ގަވަރނަންސް އާއި ގުޅޭ އެކި އިދާރާތަކުން ތައުލީމާއި ތަމްރީނު ދިނުމުގެ ތަފާތު އެކި ޕްރޮގްރާމްތައް ހިންގަވަމުން އަންނަ މޯލްޑިވްސް ކެޕޭސިޓީ ޑިވެލޮޕްމެންޓް އެންޑް ގަވަރނަންސް އިންސްޓިޓިއުޓް (އެމް. ސީ. ޑީ.ޖީ. އައި) އިންނެވެ.
އެމް. ސީ.ޑީޖީ.އައި އިން ވިދާޅުވީ މި ސާރވޭއިން ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސަށް މީހުން އަހުލުވެރި ވެފައިވާ މިންވަރާއި، އާންމުންނަށް މާލީ ނިޡާމުގެ އިންތިޒާމްތައް ލިބިގަތުމުގެ ފަސޭހަކަން ހުރި ނެތް މިންވަރު ދަނެގަނެވޭނެކަމަށް އެފަރާތުން އުއްމީދު ކުރައްވަވާ ކަމަށެވެ. އަދި މިދާއިރާތަކުން ތައުލީމާއި ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް މަގުފަހިވެގެން ދާނޭކަމަށް ވެސް އެމް. ސީ.ޑީޖީ.އައި އިން ވަނީ ވިދާޅުވެފައެވެ.
މިގޮތުން “އިސްލާމިކް ފައިނޭންޝަލް ލިޓްރަސީ އަދި ފައިނޭންޝަލް އިންކްލޫޝަން” ގެ ނަމުގައި ކުރިއަށް ގެންދާ މިސާރވޭގައި ރާއްޖޭގެ 20 އަތޮޅަކުން ޖުމްލަ 66 ރަށެއްގައި މިހާރުވަނީ ފަށާފައެވެ.
އެމް.ސީ.ޑީޖީ.އައި އިން ހާމަކޮށްފައިވާ ގޮތުގައި ކައިރި މުސްތަގުބަލެެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ސާރވޭގެ ފޯމުތައް ފުރުމުގެ މަސައްކަތް، ހަމަޖެހިފައިވާ އުސޫލުން އެރަށަކަށް އައްޔަން ކުރެވިފައިވާ އެނިއުމަރޭޓަރުން ކުރައްވާނެއެވެ. އަދި މި ސާރވޭ ކުރިއަށް ގެންދިޔުމަށް އެނިއުމޭޓަރުން ހަމަޖެހިފައިނުވާ ރަށް ރަށަށް އެނިއުމެޓަރުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާ ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެމް.ސީ.ޑީޖީ.އައި އިން ވިދާޅުވީ މިސާރވޭގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރަށަކުން ބައިވެރި ވުމަކީ އެފަރާތުން ވަރަށް ބޮޑަށް އެދިލައްވާކަމެއް ކަމަށާއި މިހާތަނަށް ރަށްރަށުން ލިބިފައިވާ އެއްބާރުލުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ.