English Edition
Dhivehi Edition
ޖޯތީ އޭނަގެ ބައްޕަ އާއެކު ފޮޓޯ އަށް ހުއްޓިލައިގެން

އިންޑިއާގެ ކުޑަ އަންހެން ކުއްޖަކު އޭނަގެ ބައްޕަ ގޮވައިގެން ބައިސްކަލެއްގައި 700މޭލަށް ދަތުރު ކޮށްފިއެވެ. އުމުރުން އެންމެ 15 އަހަރުގެ ޖޯތީ ކުމާރީ އޭނަގެ ބައްޕަ ބައިސްކަލަކަށް އަރުވައިގެން މިދަތުރު ފެށީ ނިއުދިއްލީ އިން ބިހާރަށް ދިޔުމަށެވެ.

ނިއުޔޯކް ޓައިމްސްގައި ރިޕޯޓްކޮށްފައި ވާގޮތުގައި، ޖޯތީ ގެ ބައްޕަ ނިއުދިއްލީ އަށް ބަދަލުވީ ވަޒީފާ އަދާކުރުމަށެވެ. އަދި ކޮވިޑް19 އާއި ގުޅިގެން މިހާރު އޭނަގެ ވަޒީފާ ގެއްލި އަަތުގައި ފައިސާއެއް ނެތުމުން ދަތުރު ކުރެވޭނެ އެއްވެސް ގޮތެއް ނެތުމުން އެ ބައްޕަ ގެއަށް ގެނައުމަށް ޖޯތީ ދަތުރު ފެށީ ބައްޕަ އެންމެ ފަހަށް ރައްކާކޮށްފައިވާ ފައިސާއަށް ގަތް ފިޔާތޮށި ކުލައިގެ ބައިސްކަލެއްގައެވެ.

ޖޯތީގެ ހިތްވަރާއި މި ދިގު ދަތުރުގެ ވީޑިއޯ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ދައުރުވާން ފެށުމާއެކު އެތައްބަޔަކު އޭނާ އަކީ “ލަޔަންހާޓެޑް” (ހިތްވަރުގަދަ، ކުޅަދާނަ) ކުއްޖެއްގެ ނަމުން ވިދުވާލިއެވެ.

ޖޯތީގެ ވީޑިއޯ ވައިރަލް ވުމާއެކު އިންޑިއާގެ ސައިކްލިން ފެޑެރޭޝަނުން ވަނީ އޭނާއާ ބެހޭ މައުލޫމާތު ހޯދައިފައެވެ. އަދި އެއަށްފަހު ސައިކްލިން ފެޑެރޭޝަންގެ ޗެއާމަން ވަނީ ޖޯތީ އަށް ދިއްލީ އަށް އައުމަށް ދައުވަތުދީ ގައުމީ ޓީމާއެކު ބައިސްކަލް ރޭހުގައި ބައިވެރި ވުމަށް ފުރުސަތުދީފައެވެ. ޗެއާމަން މިސްޓަ ސިންގް ވަނީ ޖޯތީ އަކީ ވަރަށް ހުނަރުވެރި ކުއްޖެއްކަން ފާހަގަކޮށް އޭނާއަށް ތައުރީފް ކޮށްފައެވެ.

މި ދަތުރަށްފަހު ޖޯތީ ބުނެފައިވަނީ މިއީ ފަސޭހަކަމެއް ނޫން ކަމަށާއި މި ދަތުރު ނިންމާލެވުނު އިރު އޭނާ ހުރީ ވަރަށް ވަރުބަލި ވެފައި ކަމަށެވެ. ނަމަވެސް އޭނާ ގެއިން ނިކުތީ މަންމަ ކައިރީ ބައްޕަ ގެއަށް ގެންނާނެ ކަމުގެ ވައުދުވެފައި ކަމުން ހިތްވަރާއެކު މި މަސައްކަތް ކާމިޔާބު ކުރަން ބޭނުންވީ ކަމަށެވެ. އިތުރަށް ޖޯތީ ބުނީ މީގެ އަހަރުތަކެއް ކުރިން އޭނާ ވަނީ ސްކޫލަށް ދިޔުން ހުއްޓާލާފައި ކަމަށެވެ.

ޖޯތީގެ އާއިލާ އަކީ ފުދުންތެރި އާއިލާ އަކަށް ނުވުމުން ކިޔެވުން ހުއްޓާލާފައި ވަނިކޮށް ފައިސާގެ ދަތިކަން އިތުރަށް ބޮޑުވީ ލޮކްޑައުންގެ ސަބަބުން ވަޒީފާ ގެއްލި ކުއްޔަށް ތިބި ގޭގެ ވެރިމީހާ އެމީހުން އެގެއިން ނެރެލުމުން ކަމަށް އޭނާގެ ބައްޕަވެސް ބުންޏެވެ. ޖޯތީގެ ބައްޕަ ބުނީ ދިއްލީ ދޫކޮށް އަވަށަށް ދިޔުމުގެ ދަތުރު ފެށީ މިހިސާބުން ކަމަށެވެ. މިހާ ދިގު ދަތުރެއް ޖޯތީ އަށް ކުރެވިދާނެ ކަމާމެދު އުންމީދު ނުކުރާ ކަމަށާއި ނަމަވެސް ޖޯތީ އަށް މި ދަތުރު ނިންމާލެވޭނެ ކަމަށް ބުނުމުން ދަތުރު ފެށީކަމަށް ބައްޕަ ބުނެފައިވެއެވެ.

ޖޯތީގެ ބައްޕަ ބުނީ މިދަތުރު ފަށައިގެން ދިޔަ އިރު ހައިވޭއިން އެމީހުންނާ ދިމާވި އެތައްބަޔަކު ފުރައްސާރަ ކުރި ކަމަށެވެ. ކުޑަކުއްޖަކު ލައްވައި ބައިސްކަލް ދުއްވާފައި ދާއިރު ފަހަތުގައި ހުރުމަކީ އެދެވިގެން ވާނެ ކަމެއް ނޫންކަމަށް ބުނެ އޭނާ އަށް އެތައް ބަޔަކު މަލާމާތްކޮށްފައި ވާކަމަށެވެ. 6 ދުވަހުގެ ދަތުރު މަތީގައި އެމީހުން ވަނީ ގޭސްސްޓޭޝަން ތަކުގައި އާއި ތަފާތު އެކި ތަންތަނުގައި ނިދައިފައެވެ.

ކޮވިޑް19 އާއި ގުޅިގެން މުޅި އިންޑިއާ ފުރަބަންދު ކުރުމާއި ގުޅިގެން އެތައްބަޔަކު ވަޒީފާ ގެއްލި ފައިސާ ނެތުމުން ހިނގާފައި އެމީހުންގެ އުޅޭ އަވަށްތަކަށް ދިޔުމުގެ ދަތުރު މިހާރުވަނީ ފަށައިފައެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ވައިރަލް ވެފައިވަނީ އަންހެނަކު އޭނާގެ ނިދާފައި އޮތް ތުއްތު ދަރިފުޅު ދަބަހެއްގެ މަތީގައި ބާއްވައިގެން ދަބަސް ދަމާފައި ދިޔަ ހިތްދަތި މަންޒަރެވެ. މިފަދަ އެތައް ހިތްދަތި މަންޒަރުތައް މިހާލަތުގައި ފެންނަމުންދާތީ އިންޑިއާގެ އިސްފަރާތްތަކަށް އެތައް ބަޔަކުދަނީ ފާޑުކިޔަމުންނެވެ.