އައްޑޫ ސިޓީ މީދޫއަކީ ދަނޑުވެރިކަން ކުރުމުގައި ކުރި އަރާފައިވާ އެއް ރަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެން ނަމަވެސް ދަނޑުވެރިންނަށް ގަސްތައް އިންދުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަނީ އެ ގަސްތަކުގައި އަޅާ ފަނިފަކުސާގެ އުނދަގުލެވެ. މި ތަކެތި ނައްތައިލަން ތަފާތު ވައްތަރުގެ ކެމިކަލް އެކުލެވޭ ބޭސްތައް އުފައްދާފައި ހުރެއެވެ. މި ބޭސް ތައްބޭނުން ކުރުމުން ދަނޑުވެރިންނަށް ދިމާވާ މިކަހަލަ މައްސަލަތަކަށް ބޮޑުހައެއްލެއް ލިބިގެންދެއެވެ.
ބަށްޓަކީވެސް މީދޫ ދަނޑުވެރިން ހައްދާ އުފައްދަމުން އަންނަ ތަރުކާރީއެކެވެ. ގިނަ ދަނޑުވެރިންގެ ޝަކުވާއަކީ މިގަސް ކިތަންމެ ބަލައިގެން ގެންގުޅުނަސް އެގަހުގައި އަޅާ ފަންޏެއްގެ އުނދަގުލެވެ. އެފަނި ބަށިގަހުގައި އެޅުމަށްފަހު ގަހުގެ ކުރީގެ ތެރެއިން ގަހުގެ ގޮފިތަކަށް ވަދެ ބަށީގައި ލޯވަޅެއް އެޅުމަށްފަހު ބަށީގެ ތެރެއަށް ވަދެ ބަށި ކާންފަށައެވެ. މިގޮތަށް މި ފަނި ބަށީގެތެރެއަށާއި ގަހުގެ މައިގަނޑަށް ވަނުމުން ގަހަށް ބޭސް ޖެހިކަމުގައި ވިޔަސް މި ފަނި މަރުނުވެ ގަހަށް ހަމަލާދެއެވެ.
މި ފަންޏަށް ކިޔާނަމަކީ ފުރުޓްބޯރާރ (fruit borer) އެވެ. ފުރުޓްބޯރަރ ގެ ލައިފްސައިކަލް ހުންނަ ގޮތަށް ބަލާލާއިރު އެގްޕްލާންޓް ބޯރާރ (moth)މޮތު އައިސް ގަހުގެ ފަތުގެ މައްޗަށް ބިސްއަޅައެވެ. އެގޮތުން އޭތި 250 ވަރަކަށް ބިސް އެޅުމުން 3 ނޫނީ 4 ދުވަހުގެ ތެރޭގައި ލާވާ (ފަންޏަކަށް) ބަދަލުވެއެވެ. ދެން އެފަނި ބަށި ތޮރުފާލައިފައި އެތެރެއަށްވަދެ ބަށިކާންފަށައެވެ. މިގޮތަށް ބަށި ކާންފަށާތާ ހަފްތާއަކަށްފަހު އެފަނި ބަށިން ކުޑަލޯވަޅެއް ތޮރުފައި ބޭރަށް (ބިންމައްޗަށް) ވެއްޓެއެވެ. މިހާ ހިސާބުން ފެށެނީ އޭގެ ޕިއުޕާ ސްޓޭޖަށެވެ. އެއަށްފަހު 10 ވަރަކަށް ދުވަހުން އޭތި ބިންމަތީގައި އޮވެ ކުޑަ ކޮކާލެއް ގޮތަށް ހުންނަ މޮތު އަކަށް ބަދަލުވެ 3 ގަޑި އިރުތެރޭގައި އޭތީގެ ފިރިހެން ބައިވެރިޔާ ހޯދައި ދޭތިގުޅެއެވެ.
މި ފަނީގެ މައްސަލަ ހައްލުކުރުމަށް ކޮންމެހެން ބާރުގަދަ ކެމިކަލް ހުންނަ ބޭސްތައް ބޭނުންނުކޮސް ބަޔޮލޮޖިކަލް ކޮންޓްރޯލް ހޯދާ އެގޮތަށް ހުރިހާ ދަނޑުވެރިންނަށް މަސައްކަތް ކުރެވިދާނެއެވެ. އެގޮތުން ފަނިއަޅާފައި ހުންނަ ބަށި ނުވަތަ ގަހުގެ މަޑު ކުރިތައް ކަނޑާލައި ވަގުތުން އަންދާ ލެވިދާނެއެވެ. ނުވަތަ 6 އިންޗި ފުންމިނުގައި ހުންނަހާވަރު ވަޅެއްކޮނެފައި ފަނިތަކާއެކު ކުރި ވަޅުލާށެވެ. އަނެއް ހައްލަކީ ފޮޓޯއިންތިޔަ ފެންނަ ކަޅުކުލައިގެ މަޑިތައް (earwing)ހޯދައި އާލާކޮށް ބަށިގަސް ކައިރިއަށް ދޫކޮށްލުމެވެ. މި މަޑިއަކީ ބަށިގަހުގައި އަޅާ މިފަނިތައް ކައިއުޅޭ ސޫތްޕެކެވެ. އާންމު ގޮތެއްގައި މިފަނިތައް އުޅޭނީ ފީވެފައިވާ ރުކުގެ ލަކުޑި ތަކުގެތެރޭގައެވެ. އަދި އުކާލާފައިވާ ފީ ކުނިތަކުގެ ތެރޭގައި ވެސް މި ސޫފި ދިރިއުޅެއެވެ. މިދެންނެވި މަޑިތަށް ބަށިގަސް ކައިރިއަށް ދޫކޮށް ލައްވާއިރު ގަހުގެ ބުޑު ހިކި ވިނަގަހުން ނުވަތަ ފަންވަތުން ގަހުގެބުޑު ނިވާކޮށްލާފައި ބެހެއްޓުން މުހިއްމެވެ، ސަބަކީ މި މަޑިއަށް ގަސްތަކުގެ ކައިރީގައި އުޅެވޭނީ ފިނިކޮށް ހުރެގެންނެވެ. ބަށި ހައްދާ ސަރަހައްދުގައި މެރީގޯލްޑް މާގަސް ހެއްދުމުންވެސް މިފަނި ކޮންޓުރޯލް ކުރެވޭނެ އެވެ.
ތަރުކާއީ އާއި މޭވާގަސްތަކަށް ވިހަގަދަ ބޭސް ޖެހުމުން މި ގުދުރަތީ ނިޒާމުގެއްލި ނަތީޖާއަކަށް ވަނީ ބަށިގަސް ނުހެއްދޭ ހިސާބަށް ދިޔުމެވެ. މި މައްސަލައަކީ މީދޫ ދަނޑުވެރިންނަށް ބަށިގަސް ހެއްދުމުގައި މިއަދު ދިމާވެގެން އުޅޭ އެންމެ ބޮޑު އެއް މައްސަލަ އަކަށްވާއިރު ބަށިގަސް އިންދުން ހުއްޓާނުލާ މި ފަނި ނައްތާލުމަށް މިގުދުރަތީ ވަސީލަތުގެ ބޭނުން ހިފުން މުހިންމެވެ.
މިއަދު މީދޫ ދަނޑުވެރިންނަށް ވެސް ދިމާވެގެން އުޅޭނީ މިމައްސަލައެވެ. ބަށި ގަހުގައި ފަނި އަޅާފައި ހުންނަ ކުރި ކަނޑާލުމަކުން ގަހެއް މަރެއްނުވާނެއެވެ، އަދި ކުރި ކަނޑާތަނުން އާކުރިއެއް ފަޅައި އަލުން ގަސް ތާޒާވާނެއެވެ. ފުރަތަމަކޮޅު ހުރިހާ ދަނޑުވެރިން ނަށްވެސް އެންމެ އެދެވޭ ވަރަށް މޭވާ ނުލިބި އަދި އުއްމީދުކުރާ ވަރަށް އާމްދަނީ ނުލިބިހިނގައިދާނެއެވެ. ނަމަވެސް މުރާލިކަމާއިއެކު މިމަސައްކަތް ފެށުމުން ދާދި ކައިރި މުސްތަޤުބަލެއްގައި ބަށްޓަށް ހަމަލާދޭ ފަނީގެ އާއިލާތައް މަދުވެ އެކަށީގެންވާ އާމްދަނީއެއް ލިބޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ، ވީމާ ބޮޑެތި ޚަރަދުކޮށް ވިހަގަދަބޭސް ނުގަނެ ބަށި ހައްދަމާތޯއެވެ؟
މިވިހަގަދަ ބޭހަކީ އިންސާނުންނަށްވެސް ނުރައްކާ އެއްޗެކެވެ. އަޅުގަނޑުމެން ބަލަންވީ ވީހާވެސް ބޮޑަށް ގުދުރަތީ ނިޒާމާއި ރައްޓެހިވެ ކުރާމަސަތްކަތުން ބޮޑު ނަފާއެއް ހޯދުމެވެ. އެއްވެސް ދަނޑުވެރިއަކު އިތުރު މަޢުލޫމާތު ބޭނުންނަމަ (އަހްމަދު މުޚްތާރު 7764891) އާއި މަޝްވަރާ ކޮށްލެއްވުމުން އިތުރު މައުލޫމާތު ލިބޭނެއެވެ.
ނޯޓް: މި ލިޔުމަކީ މީދޫގައި ފުޅާދާއިރާ އަކަށް ދަނޑުވެރިންގެ ސާމާން ވިއްކާ ފިހާރަ އޭ.އެން އެމިޓީގެ ވެރިޔާ އަދި ދަނޑު ވެރިޔާ އަހްމަދު މުހްތާރު ދަނޑުވެރިންނަށް ފޯރުކޮށްދެއްވަން ބޭނުންވާ މައުލޫމާތަކަށް ބިނާކޮށް އެފަރާތުން ގިނަ ދަނޑުވެރިންނަށް ބަށިގަހަށް ދިމާވާ މައްސަލަ ހައްލުކުރުމަށް މި މައުލޫމާތު ހިއްސާކޮށްދެއްވުމަށް ބޭނުންވާތީ ލިޔެފައިވާ ލިޔުމެކެވެ. މުހްތާރުގެ ގެ މަޝްވާރާއަކީ ދަނޑުހައްދާ ބޭފުޅުން ބަށިހެއްދުން ހުއްޓާނުލާ ބަށިހެއްދުމުގައި ދިމާވާ މަސްއަލަތަކަށް ހައްލު ހޯދައި އެކަމުގެ ބައިލޮޖިކަލް ކޮންޓުރޯލް ހޯދައި އެގޮތް ބޭނުންކުރުމެވެ. އެގޮތުން މުހުތާރުގެ ނަސޭހަތަކީ ބަށިގަސް ގިނަ ދަނޑުވެރިން ހެއްދުމަށާއި، އަދި މިކަން ކާމިޔާބުކުރުމަށް ހުރިހާދަނޑުވެރިން އެކަތިގަނޑަކަށްވެ އެންމެންގެ އެއްބާރުލުން ހޯދައިގެން ކުރިއަށް ދިޔުމެވެ.