“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ބޭކެޑް ފިޝްފިންގާސް ތައްޔާރުކުރާނެގޮތުގެ ރެސިޕީއެވެ. ފިޝްފިންގާސް އަކީ ރޯދަވީއްލުމަށްފަހު ސެލެޑް އާއެކީ ކާލަން ރަވަށް ރަގަނޅު ހަށިގަނޑަށް ލުއިކަން އިހްސާސް ކުރެވޭނެ ޑިޝްއެކެވެ.
ބޭނުންވާތަކެތި:
4 ސާވިންގްސްއަށް:-
500ގ މަސް (ހަނިދިގަށް ކޮށާފައި)
1 1/2 ޖޯޑު ޕާން ކުނޑި
1 ސަމްސާ ލޮނު
2 ސަމްސާ ފުށް
1 ސަމްސާ މެޔޮނައިޒް
25ގ ޕާމެސަން ޗީޒް
1 ސަމްސާ އަސޭމިރުސް
1 ބިސް
ޑްރައި ޕާސްލީ
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ އަވަން 180ޑިގްރީ އަށް ހޫނުކޮށްލާށެވެ. ޓްރޭ އަކަށް ޕާންކުނޑި އެޅުމަށްފަހު ކުކިންގ ތެޔޮ ސްޕްރޭ ކުރުމަށްފަހު ޕާންކުނޑި އަށް ގޯލްޑެން ބްރައުން ކުލަ އަރަންދެން ފިހެލާށެވެ. ދެން ޕާންކުނޑި ތަކަށް ޕާމެޒަން ޗީޒް، ލޮނު އަދި އަސޭމިރުސް އެކޮށްފައި ބަހައްޓާށެވެ.
އަވަނުގެ ހޫނުމިން 220އަށް މަތިކޮށްލާށެވެ. އެއަށްފަހު ބޯތަށްޓަކަށް މެޔޮނައިޒް، ބިސް، ޑްރައި ޕާސްލީ، ފުށް، ލޮނު އަދި އަސޭމިރުސް އަޅާފައި އެއްކުރާށެވެ. ދެން މަސްތަކުން ފަހަރަކު މަސް ފޮއްޗެއް ނަގާފައި ތައްޔާރު ކުރި ފުށުގެ ތެރެއަށް ލުމަށްފަހު ރަނގަޅަށް ބޭރުގައި ފުށް އުނގުޅާށެވެ. އެއަށްފަހު މަސްކޮޅުގެ ބޭރުގައި ޕާންކުނޑިން ރަނގަޅަށް ކޯޓްކޮށްލާށެވެ. މަސްތައް ހުސްވަންދެން މިހެން ހަދާށެވެ. އަދި ނިމުނީމަ އެހެން ޓްރޭއެއް ނަގާފައި ކުކިންގް ސްޕްރޭ ޓްރޭ އަށް ޖެހުމަށްފަހު މަސްތަކުގެ ބޭރަށް ކުކިންގ ސްޕްރޭ ޖެހުމަށްފަހު 12 މިނެޓްވަންދެން ފިހެލާށެވެ.